Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

"މެދެއާރި މަގު ލަސްވަނީ އިތުރު މަސައްކަތާ ހެދި"

ހިތަދޫ މެދެއާރި މަގު، ލަސްތަކެއް ނުވެ ތާރުއެޅުމުގެ މަސައްކަތް ފެށޭނެ. ފޮޓޯ: އައްޑޫލައިވް

ސ. ހިތަދޫ މެދެއާރި މަގު ހެދުން ލަސްވެގެން އުޅެނީ އިތުރު ބައެއް މަސައްކަތްތަކެއް ކުރަން ޖެހިގެން ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.

މެދެއާރި މަގު ހެދުމާއި ގުޅޭގޮތުން "އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރޯޑް ކޯޕަރެޝަންގެ މެނެޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް މިއަދު ވިދާޅުވީ މަގު ހެދުން ލަސްވެގެން އުޅެނީ ކައުންސިލުން އެދިގެން މަގު ހުރަސްކޮށް ދެ ކުޅި ހޮޅި އަޅައިގެން ގުޅަން ޖެހުމާއި އިތުރު މަސައްކަތް ކުރަން ޖެހުމުންނެވެ.

ނަޒީމް ވިދާޅުވީ މެދެއާރި މަގު (އައްޑޫ ސިޓީ ކައުުންސިލް އިދާރާ ހުންނަ މަގު) ގެ ޕޭވްމަންޓްގެ އެއްބަޔަކީ ޗަސް ބިމަކަށް ވުމުން އެ ސަރަހައްދަށް ވެލި އަޅައިގެން ހެދުމަށް ލަސްތަކެއްވި ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ މަސައްކަތެއް ނިމި ތާރުއެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މެދެއާރި މަގު ހަދަމުން ގޮސް ހިތަދޫ ބޮޑު މަގާއި ގުޅާލުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކައުންސިލުން އެދުނީ މަގުގެ ދެ ފަރާތުގައިވާ ދެ ކުޅި ހޮޅި އަޅައިގެން ގުޅާ ދިނުމަށް. އެހެންވެ އެމަސައްކަތަކީ އިތުރަށް ކުރަންޖެހުނު މަސައްކަތެއް. މިހާރު އޭގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައި." އޭނާ ވިދާޅުވި އެވެ.

ނަޒީހް ވިދާޅުވީ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސިޓީ ކައުންސިލާ ގުޅިގެން އެ ފަރާތުގެ މަޝްވަރާއެކު ކަމަށެވެ.

"އަޅުގަނޑުމެން މަގުގެ މަސައްކަތް މި ގެންދަނީ ސިޓީ ކައުންސިލާއި މަޝްވަރާކޮށް އެ ބޭފުޅުންގެ އެއްބާރުލުމާ އެކު." އޭނާ ވިދާޅުވި އެވެ.

ނަޒީހު ވިދާޅުވީ ހިތަދޫ މެދެއާރި މަގުގު ތާރުއަޅައި ވަރަށް އަވަހަށް ނިންމާނެކަމަށެވެ. ނަމަވެސް ތާރު އަޅަން ނިންމާފައިވާ ތާރީހެއް ނުބުނެ އެވެ.

މެދެއާރި މަގުގެ ޕޭވްމަންޓްގެ ބޮޑު ބައެއްގައި މިހާރު ގާ އަތުރައި ވަނީ ނިމިފަ އެވެ. ނަމަވެސް މަގު ލެވެލް ކުރުމުގެ މަަސައްކަތް އަދި ފަށާފައެއް ނުވެ އެވެ.

މެއި 8، 2013 ގައި އައްޑޫގެ މަގުތައް ތާރު އަޅައިގެން ހެދުމަށް ރައީސް ޑރ. މުހައްމަދު ވަހީދު އިފްތިތާހް ކުރެއްވި މަޝްރޫއުގައި ފުރަތަމަ ހަދަން ފެށީ ހިތަދޫ ޝަރަފުއްދީން މަގު އެވެ.

ނަމަވެސް އީއައިއޭ އާއި މަގު ހަދާނެ ޕްލޭނެއް ނެތިގެން ކައުންސިލުން ވަނީ އެ މަގު ހެދުން ހުއްޓުވައިފަ އެވެ.

އެ މަގު ހެދުން ހުއްޓުވުމާ ގުޅިގެން ދެން ރޯޑް ކޯޕަރެޝަނުން ހަދަން ފެށީ ހިތަދޫ މެދެއާރި މަގެވެ. އެ މަގުގެ މަސައްކަތް އެ ކުންފުނިން ކުރާތާ ހަތަރު މަހަށް ވުރެ ގިނަ ވެއްޖެ އެވެ.