ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މަޖްލިސްއަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ބޭއްވުމަށެވެ.
މީގެ އިތުރުން މި ބިލް ރައީސް ތަސްދީގު ކުރައްވާތާ ހަތް ދުވަހުގެ ތެރޭ އިންތިހާބުގެ މަސައްކަތް އިލެކްޝަން ކަމިޝަނުން ފަށަން ޖެހޭ ގޮތަށް ވެސް ވަނީ ހިމަނާފައެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި މި ބިލް ފާސް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވަނީ ހުށަހަޅުއްވާފައެވެ.
ކޮވިޑު-19 އާއި ގުޅިގެން މިދިޔަ އަހަރު ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު މި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިންތިހހާބާއި ގުޅޭ ހާއްސަ ގާނޫނަކުން ފަސްކޮށްފައެވެ. އެހެންވެ މިހާރުގެ ކައުންސިލްގެ ދައުރު ވަނީ މި ގާނޫނުގެ ދަށުން އިތުރުކޮށްފައެވެ.