އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ.އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި މައްސަލަ 241 ކޮމިޓީއަށް ހުށަހެޅުއްވުމަށް ނިންމި ނިންމުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.
ފައިރޫޝްގެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. ފައިރޫޝްގެ މައްސަލަ ނަޝީދު 241 ކޮމެޓީއަށް ހުށަހެޅުއްވީ މިމަހުގެ 2 ވަނަ ދުވަހު ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ނަޝީދު ވިދާޅުވީ އަލަށް ތަސްދީގު ކުރެވުނު ފުލުހުންގެ އާ ޤާނޫނަށް ޢަމަލުކުރަން ނުފަށަނީސް އިސްތިއުފާ ނުދެއްވޭނެކަމަށެވެ. ފުލުހުންގެ އާ ގާނޫނު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން މެމްބަރު އަހްމަދު ޝިޔާމް މިއަދު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ "ރައްޔިތުން ގަލޯހާޖާ ކުރަން ވީމާ" ނަޝީދުގެ ހުއްދައަކަށް އެދެން ޖެހޭކަން ނުދެނެހުރި ކަމަށެވެ. އަދި ހަޔާތެއް ތިޔަ ހޭދަ ކުރަައްވަނީ އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ މަސްތުގައި ބަދަލު ހިއްޕެވުމުގެ ރޫހުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރައްވައި ޤައުމު އާރާސްތުކުރެއްވުމަށް ފެއްޓެވުމަށް ވެސް ޝިޔާމް ވަނީ ރައީސް ނަޝީދު އަށް ގޮވާލައްވާފައެވެ.
ފައިރޫޝްގެ މައްސަލަ މަޖްލިސްގެ 241 ކޮމެޓީއަށް ހުށަހެޅުއްވި އިރު ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު ވެއްޓުނު އިރު ފުލުހުންގެ ތެރޭގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި އިސް މީހެއްގެ ގޮތުގައި ފައިރޫޝް ހަރަކާތްތެރިވިކަމަށް ރައީސް ނަޝީދާއި އެމަނިކުފާންގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
އަދި މިވެރިކަމުގައި ފައިރޫޝްއަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މަގާމު ދިނުމުންވެސް އެމްޑީޕީ މެމްބަރުން ވަނީ ފާޑު ކިޔާފައެވެ.