ގއ. ދެއްވަދޫން ކޮވިޑު-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18އަށް އަރައިފިއެވެ.
ދެއްވަދޫގައި ކޮވިޑު ފެތުރެން ފަށާފައިވަނީ އެރަށަށް މާލެއިން ދިޔަ އާއިލާއެއް ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށް އެރަށު ސިއްހީ މަރުކަޒުން އޮޅިގެން އާއިލާއަށް އެންގުމުންނެވެ.
އެމީހުން ގެއިން ނިކުމެ އުޅެނިކޮށް ފަހުން ސިއްހީ މަރުކަޒުން ވަނީ 4 މަހުގެ ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އަންގާފައެވެ. އެއާއި އެކު އެކުއްޖާ ނެގި މީހުންނާއި އެއާއިލާ އާއި ބައްދަލުވި މީހުންގެ ސާމްޕަލް ޓެސްޓު ކުރި އިރު އޭގެ ތެރެއިން 6 މީހެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ގއ. ދެއްވަދޫއިން ކޮވިޑަށް ބަޔަކު ޕޮޒިޓިވްވި އިރު އެރަށުން ލ. ފޮނަދޫއަށް ދިޔަ ދެ މީހަކުވެސް ވަނީ ޕޮޒިޓިވްވެ، އެމީހުންނާއި ބައްދަލުވި އިތުރު 2 މީހަކާއި އެކު ޖުމްލަ 4 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ.
ދެއްވަދޫގެ ހާލަތު ދެނެގަތުމަށް އެޗްޕީއޭއިން އިއްޔެ ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން 8 ސާމްޕަލެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއި އެކު ރަށުގައި ބަލި ފެތުރެމުންދާ ކަމުގެ ބިރު ވަނީ އުފެދިފައެވެ.
އެޗްޕީއޭއިން ވަނީ ނޮވެމްބަރ 30 ވަނަ ދުވަހުން ފެށިގެން ދެއްވަދޫއަށް ދަތުރުކޮށްފައިވާނަމަ ކަރަންޓީނުވުމަށް އެދިފައެވެ.
1300 އެއްހާ މީހުން ދިރިއުޅޭ ގއ. ދެއްވަދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.