އިދިކޮޅު ފަރާތްތަކުން ސޯޝަލްމީޑިއާގައި ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ޒިންމާދާރުކަން ކުޑަ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިފަ ކުރައްވައިފި އެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިއްދޫ"އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ނިމުނު 2020 ވަނަ ވަނަ އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އުދަނގޫ ދަތި އަހަރެއް ކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެހެންވެސް ފަރާތްތަކުން ކުރި މަސައްކަތް ރައީސް ފާހަގަކުރައްވާފައިވެ އެވެ.
އިންޑިއާއާއި ރާއްޖެގެ ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ ދެ ގައުމުގެ ގުޅުމާއި މެދު އުފާކުރައްވާކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފޮރުކޮށްދެމުންދާ އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ދޭހަކޮށްދޭ ކަމެއްކަމަށް ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ކެމްޕެއިނާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހް ވިދާޅުވީ، އިންޑިއާ ސަރުކާރާއި އެކު އެއްބަސްވެގެން ކުރިއަށްގެންދާ މަޝްރޫއުތަކާއި މެދު އުފާކުރައްވާކަމަށެވެ. ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ކުރިމަތިކުރާ ރަނގަޅު ފާޑުކިޔުންތައް ބަލައިގަންނާނެކަމަށާއި، އެހެންނަމަވެސް ބައިނަލްއަޤްވާމީ ގުޅުންތަކަށް ބުރޫ އަރާގޮތަށް ސިޔާސީ ބޭނުމަކަށް ކުރާ މަސައްކަތްތަކަކީ ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ގައުމުގެ އިގްތިސާދު އެއް ސިނާއަތަކަށް ބައްޓަންކޮށްފައި އޮތުމުން ދިމާވާ ދަތިތައް ކޮވިޑް-19ގެ ހާލަތުން ސާފުވެގެން ގޮސްފައިވާ ކަމަށާއި އެހެންކަމުން އިތުރު ސިނާއަތްތައް ފުޅާކުުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މިހާލަތަކީ ބޭރުގެ އެކި ގައުމުތަކުގެ އެހީތެރިކަން ރާއްޖެފަދަ ގައުމުތަކަށް ބޭނުންވެފައިވާ ވަގުތެއް ކަމަށާއި، އެގޮތުން ލޯންތައް މާފުކޮށްދިނުންފަދަ ކަންކަމަކީ ކުދި ކައުމުތަކަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއްކަމަށް ރައީސް ވިދާޅުވި އެވެ. ކޮވިޑް-19 ގެ ހާލަތުަގއި ރާއްޖެއިން އިންޑިއާ ސަރުކާރުގެ ފަރާތުން ބޮޑެތި އެހީތެރިަކން ފޯރުކޮށްދީފައިވާކަން ފާހަގަކޮށް ރައީސް ވަނީ އިންޑިއާ ސަރުކާރަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.