މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހޭތީ މި މަހުގެ 25 ވަނަ ދުވަހު ފުލުހުން ހައްޔަރު ކުރި އެމްޑީޕީ އައްޑޫ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސޮބްރީ މިރޭ މާލެ ފުރުވާލައިފި އެވެ.
އޭނާ ވައިގެ މަގުން މާލެ ފުރުވާލި އިރު ހުންނެވީ ދެ އަތުގައި ބިޑި ވެސް އަޅުވައިފަ އެވެ.
ސޮބްރީ ފުރަން އެއާޕޯޓްގައި ހުންނެވި އިރު އޭނާ އާ އެކުގައި އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ އާއި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ރަޝީދު (މޯޑް) ގެ އިތުރުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވެސް ތިއްބެވެ.
މީގެ ހަތް އަހަރު ކުރިން ކޮށްފައިވާ އެއް މަސް ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެން ހުކުމް ތަންފީޒު ކުރަން، ޑީޕީއާރްއެސް އާ ހަވާލު ކުރަން ފުލުހުން ސޮބްރީ ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަދި ވަގުތުން އޭނާ ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އައްޑޫ ދާއިރާ އިން ވަނީ ނޫސް ބަޔާނެއް ވެސް ނެރެފަ އެވެ.
ސޮބްރީއަކީ އެމްޑީޕީގެ އައްޑޫ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، ހިތަދޫ މެދު ދާއިރާގެ ރައީސްކަމާއި އެ ދާއިރާގެ ކެމްޕޭން މެނޭޖަރުގެ މަގާމު ވެސް އަދާ ކުރައްވަމުން ގެންދަވާ ބޭފުޅާ އެވެ.
އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސޮބްރީ ވަނީ ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން (އެސްްއެޗްއެސްސީ) ގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ސޮބްރީގެ މައްޗަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ނޮވެމްބަރު 6، 2006 ގައި "ނަމޫނާ" ދޯނީގައި މާލެ ދާން ފުރާފައިވާތީ، އެއީ ސަރުކާރާ ދެކޮޅަށް ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ދައުވާކޮށްފަ އެވެ.