އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ނާޒިލް ވަނީ މޭޔަރ އަބްދުﷲ ސޯދިގު އާއި ޑެޕިއުޓީ މޭޔަރ ޔަސްރިފް އާއި ބައްދަލުކޮށް އައްޑޫގެ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭ މަޝްވަރާ ކުރައްވާފައެވެ.
މެމްބަރު ނާޒިލް އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް މަޝްވަރާ ކުރެވުނު އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައްޑޫގައި ކުރައްވާނެކަމަށް ވިދާޅުވި ބޮޑު އެއްވެސް މަޝްރޫއެއް ފެށިފައިނުވެއެވެ. އައްޑޫ ބިން ހިއްކުމާއި މަގު ހަދަން ފަށާނެ ތަފާތު އެތައް ތާރީހު ތަކެއް ސަރުކާރުގެ ފަރާތުން ދީފައިވާ އިރު އެއްވެސް މަޝްރޫއެއް ފެށިފައި ނުވެއެވެ.
ކުރީގެ ސަރުކާރުން ހަދަން ފެށި ހިތަދޫ އަމީނީ މަގުގެ މަސައްކަތް ނުފެށި އޮންނަތާ ދެ އަހަރު ވެފައިވާ އިރު އައްޑޫގެ މަގުތައް، ހާއްސަކޮށް ހިތަދޫގެ މަގުތައް ހެދުން ލަސްވާ ސަބަބު ތަކާއި ގުޅިގެން މެމްބަރު ނާޒިލް ވަނީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް އާއި މަޖްލިސް މެދުވެރިކޮށް ސުވާލު ކުރައްވާފައެވެ. ނަމަވެސް އެ ސުވާލުތަކަށް މިނިސްޓަރ އެދެވޭ ޖަވާބެއް ދެއްވާފައި ނުވެއެވެ.
އައްޑޫގެ ތަރައްޤީ އާއި ގުޅޭ މަޝްރޫއުތައް ނުފެށި ލަސްވާތީ، ރައްޔިތުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ހާއްސަކޮށް މި ސަރުކާރު ގެނައުމަށް އިސްކޮށް މަސައްކަތް ކުރި ބައެއް ފަރާތްތައް މިހާރުވަނީ ސަރުކާރާއި ދުރަށް ޖެހި ފާޑު ކިޔަން ފަށާފައެވެ.