ކޮވިޑް 19 އާއި ގުޅިގެން ދެއްވަދޫގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ ޙާލަތާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރަށު ކައުންސިލުން އިސްނަގައިގެން ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެެެރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ދެއްވަދޫ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް މިވަގުތު ހުޅުވާލެވިފައިވާ ކަމަށެވެ.
އާއްމުންގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ކޮވިޑް-19ގެ ހޮޓްލައިން އަދި ކައުންސިލް ބިއުރޯގެ ނަންބަރަށް ގުޅުއްވުމަށް ދެއްވަދޫ ކައުންސިލުން ނެރުނު މި ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ. ކަންބޮޑުވާންޖެހޭ އެއް މައްސަަލައެއްގެ ގޮތުގައި ކައުންސިލުން ހާމަކޮށްފައިވަނީ ރަށުގެ ރައްޔިތުން ބޯފެނަށް ޖެހިދާނެކަމުގެ މައްސަލައެވެ.
ދެއްވަދޫ އިން އިތުރު 8 މީހަކު މިވަނީ މިއަދު ކޮވިޑް 19 އަށް ފައްސިވެފައެވެ. އެެއާއި އެކު އެ ރަށުން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ޖުމްލަ 24 އަށް ވަނީ އިތުރުވެފައެވެ.