Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު ޝަރުއީ ދާއިރާ

ބަދަލެއްގެ ގޮތުގައި އެސްޖޭއަށް 111 މިލިއަން ނަގައި ނުދިން

ފޮޓޯ: ސަން

ޒިކުރާ މިސްކިތް ހެދުމަށްޓަކައި އެސްޖޭ ކޮންސްޓްރަކްޝަންސްއާއި އެކު ހެދި އެއްބަސްވުން އިސްލާޟިކް މިނިސްޓްރީން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ އެކުންފުންޏަށް ނަގައިދޭން ނުޖެހޭ ކަމަށް ސިވިލްކޯޓުން ހުކުމްކޮށްފި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ސޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭއާއި ހަވާލުކުރި އިރު، އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ މިސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެކަމާއި ގުޅިގެން އެސްޖޭއިން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެއްބަސްވުން ބާތިލު ކުރި ގޯހުން ކަމަށް ކަނޑައެޅުމާއި އެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

އެ މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ދެ ފަރާތުން ހެދި އެއްބަސްވުން ބާތިލު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނޯޓިސް ފޮނުވާފައި ވަނީ އެއްބަސްވުމުގައިވާ ގޮތާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އަދި އެއްބަސްވުން އުވާލީ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންނަމަވެސް އެސްޖޭއިން ހޯދުމަށް އެދިފައިވާ ބަދަލު ސާފުކޮށްދެވިފައި ނުވާތީ އާއި ބަދަލަކީ އެއްބަސްވުމުގެ ދަށުން އެސްޖޭއަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ، އެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާތީއާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީ، ޑރ. އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.