އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތާއި ގުޅޭ، ޅ. މާބިންހުރާ މައްސަލައިގައި ދައުވާ ކޮށްފައިވާ ހާމިދު އިސްމާއިލްގެ އިސްތިއުނާފު މައްސަލައިގައި އާ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަދި ހިޔާނާތަށް އިއުތިރާފްވެފައިވާ އަހުމަދު އަދީބުގެ ބަޔާނެއް ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ޅ. މާބިންހުރާ މައްސަލައިގައި ހާމިދްގެ މައްޗަށް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވި އިރު އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފަ އެވެ. އެ މައްސަލަ ހާމިދްގެ ފަރާތުން ސުޕްރީމް ކޯޓުގައި އސްތިއުނާފް ކުރިއިރު، އޭނާ ވަނީ ހުކުމް ތަންފީޒުކޮށް ނިންމާފަ އެވެ.
މާބިންހުރާ މައްސަލައިގައި ހާމިދުގެ މައްޗަށް ދައުވާ ކުރީ މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދައްކާފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަަރަށް، އަދީބާއި ޒިޔަތު ގުޅިގެން ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި، އެ ފައިސާ ހާމިދު ހިއްސާވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށް މުއާމަލާތްކޮށްފައިވާތީ އެވެ.
ހާމިދްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އޮތީ އިސްތިއުނާފީ ނުކުތާ ހުށަހެޅުމާއި އެއާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން ދައުލަތުން ދައުލަތުގެ ފަރާތުން އަދީބުގެ ބަޔާނެއް އާ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް އެދުނެވެ. އެހެން ނަމަވެސް ފަނޑިޔާރުން ނިންމަވާފައިވަނީ އާ ހެއްކެއްގެ ގޮތުގައި އެ ހެކި ބަލައި ނުގަތުމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އާއި ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.