Last Updated: November 23, 20:35
Saturday, November 23, 2024
ޚަބަރު އޮޑިޓް އޮފީސް

ޑިޕާޓްމެންޓެއް ހެދުމަށް ހަރަދު ކުރުމުގައި ބޮޑެތި ގޯސްތަކެއް

އައިޖީއެމްއެޗް ހޮސްޕިޓަލުން 2018 ވަނަ އަހަރު ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހެދުމަށް ހަރަދު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އައި.ޖީ.އެމް.އެޗްގައި ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ސިފައިންގެ ވެލްފެއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށްޓަކައި، އައި.ޖީ.އެމް.އެޗް އިން ހުއްދައަށް އެދި ފޮނުވާފައިވާ ސިޓީއާއެކު ފޮނުވާފައިވާ ކޯޓޭޝަނާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވީ ނަމަވެސް އެ ކޯޓޭޝަނާއި ހިލާފަށް މަސައްކަތް ކޮށްފައިވާކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކޯޓޭޝަންގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ އިތުރަށް އެހެނިހެން މަސައްކަތްތައް ހިމެނޭ ގޮތަށް ހުއްދަ ހޯދި ކޯޓޭޝަނުގެ ބަދަލުގައި، އާ ކޯޓޭޝަނެއް ހޯދައި މިނިސްޓްރީ އޮފް ފިނޭންސް އިން ހުއްދަ ދެއްވި އަގަށްވުރެ 1,276,023 ރުފިޔާ ބޮޑުކޮށް އައި.ޖީ.އެމް.އެޗް އިން މިމަސައްކަތް ކުރުވާފައިވާ ކަމަށެވެ. އެހެންކަމުން ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ހޯދުމުގައި 1,276,023 ރުފިޔާ މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމަކާއި ނުލައި ޚަރަދުކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެ އެވެ.

މި މަސައްކަތަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވަނީ ޖުމުލަ 36،813،627 ރުފިޔާ ހަރަދު ކުރުމަށެވެ. އެހެންނަމަވެސް އައިޖީއެމްއެޗްއިން ވަނީ 38،089،650 ރުފިޔާ މި މަސައްކަތަށް ހަރަދުކޮށްފަ އެވެ.

އޭގެ އިތުރުން އައި.ޖީ.އެމް.އެޗްގެ ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓް ހޯދުމަށް އައި.ޖީ.އެމް.އެޗް އިން މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅައިގެން އެ މިނިސްޓްރީން ހުއްދަ ދީފައިވާ ސިވެކް ގެ ކޯޓޭޝަންގައިވާ "ނިކޮލެޓް ސޮނާރާ ޓްރާންސް ކާނިއަލް ޑޮޕްލާ ސިސްޓަމް ވިތް އެކްސެސަރީސް" ލިބެން ނެތުމުން "މޮނިޓަރ އެނަސްތީސިއަރ، ޔުރެޓެރޮސްކޯޕް އަދި ރެސެކްޓޮސްކޯޕް" ހޯދުމަށް، ހުއްދަދިން ކޯޓޭޝަނުގެ ބަދަލުގައި އައު ކޯޓޭޝަނެއް ސިވެކް އިން ހޯދާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

މިގޮތުން އާ ކޯޓޭޝަނުގައިވާ ތަކެތި ގަނެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅާ ހުއްދަ ހޯދައިގެން ނޫންކަމަށާއި މިތަކެތި ހޯދުމަށް އައި.ޖީ.އެމް.އެޗް އިން 2,249,632 ރުފިޔާ ޚަރަދު ކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.