Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު ޝަރުއީ ދާއިރާ

ޖިހާދަށް ފުރުމުގެ ހުއްދަ ނުދޭން ނިންމި ނިންމުން ބާތިލުކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނާއި ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޖިހާދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާއިރު އިސްތިއުނާފީ ހަތަރު ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 88 ވަނަ މާއްދާއަށް ބަލާއިރު ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ޚަސްމަކު އެމައްސަލައިގެ ޝަރީއަތަށް ހާޒިރު ނުވެވޭނެ ފަދަގޮތަކަށް ކޯޓުގެ ހުއްދަނެތި ފުރައިގެން ދިއުމަކީ މަނާކަމެއްކަން އިނގޭ ކަމަށެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި ކްރިމިނަލް ކޯޓުގެ ހުއްދައަށް އެދުމުން އެކަމުގައި ގޮތެއް ނިންމެވުމަށް އަޑުއެހުމެއް ބޭއްވުމަށް ޕީޖިން އެދުނު އިރު، ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ ޖިހާދު ފުރައިގެން ދާންއުޅޭކަމަށް ލިބިފައިވާ ހެއްކަކީ ޖިހާދު ފުރައިގެން ދިއުމުގެ ހުއްދައަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާއިއެކު ހުށަހަޅާފައިވާ ޓިކެޓުކަން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ޖިހާދު ފިލައިގެން ހިނގާދާނެކަމަށް ބެލެވޭ އެއްވެސް ހެއްކެއް ޤަރީނާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިނުވާކަމަށާއި މައްސަލައިގެ ތަހުގީގުގެ އެއްވެސް މަރުޙާލާއެއްގައިވެސް އަދި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހުވެސް ޖިހާދު ފުރުން މަނާކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައި ނުވާކަން ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމަށް ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ހުށަހެޅުނު އެއްމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، ޝަރީއަތުގެ މަޖިލީހުގައި ޖިހާދުގެ ފަރާތުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފާރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ އެ އަމުރު ބާތިލު ކުރާ ކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވާފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދުއާއި، އިސްފަނޑިޔާރު ހާތިފް ޙިލްމީއާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އެވެ.

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރަކަށް ޖިހާދު ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 ޕަސެންޓުގެ ބަދަލުގައި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލައިގައި ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ.