Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު ޓެރަރިޒަމް

ބަޑި އުފައްދާ ގެންގުޅުނު ދެ މީހެއްގެ މައްސަލަ އަލުން ބެލުމަށް ހުކުމްކޮށްފި

ހައި ކޯޓު--

ރާއްޖެ އަށް ގެނައުން މަނާ ހަތިޔާރާއި ބަޑިއުފައްދާ އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި 2014 ވަނަ އަހަރު ދައުވާ އުފުލި ދެމީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އެ ކޯޓަށް ތަޙްވީލުކުރުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މޫސާ ޔޫސުފާއި ހަސަން ނަސީމުގެ މައްޗަށް 2014 ވަނަ އަހަރު އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

މާލޭ ދަފްތަރު 7102 ހަސަން ނަސީމާއި ލ. ގަން ތުނޑި ހިމާޔަތް މޫސާ ޔޫސުފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު މ. އިރުދޯދިގޭގެ ކޮޓަރިއެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަޑިއާއި، ގޮވާތަކެއްޗާއި، އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނިފައިވާތީ އާއި ހަސަން ނަސީމް މަސައްކަތްކުރާ "ފަލިވަޅު ވެލްޑިން ވާރކްސް" ވޯކްޝޮޕްގައި ހަސަން ނަސީމް މަސައްކަތްކުރާތަން ބަލާ ފާސްކުރިއިރު، އެތަނުން ބަޑިއާއި އެފަދަ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނިފައިވާތީ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމްގައި ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ހެކި ހޯދާފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ހިލާފަށް ކަމަށެވެ. އެހެންކަމުން މޫސާ ޔޫސުފާއި ހަސަން ނަސީމުގެ މައްޗަށް އަދަބު ކަނޑައަޅާނެތަނެއް ނެތްކަމަށް ހުކުމްކޮށްފައިވެ އެވެ.

އެމައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި 2017 ވަނަ އަހަރު އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލައިގެ ހުކުމް މިއަދު ވަނީ އިއްވާފަ އެވެ.

އެގޮތުން ހައިކޯޓުން ބުނެފައިވަނީ ދައުލަތުން ދައުވާ ބިނާކޮށްފައިވަނީ ދެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށްކަމަށާއި، އަދި އެ އަމުރުގެ ދަށުން އެ ގެ ބަލާ ފާސްކޮށްގެން ފުލުހުން ހޯދާފައިވާ ހެކިތަކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނާއި ހިލާފަށް ހޯދާފައިވާ ހެކިތަކެއްކަމަށް ނުދެކޭކަމަށެވެ. އަދި އެމައްސަލައިގައި ހުށަހެޅިފައިވާ ހެކިތައް ވަޒަންކޮށް، މައްސަލައިގެ މައުޟޫއަށް ފައިސަލާ ކޮށްފައިނުވާތީ، އެ މައްސަލައިގައި ހުށަހެޅިފައިވާ ހެކިތައް ވަޒަންކޮށް، މައްސަލައިގެ މައުޟޫއާމެދު ފައިސަލާ ކުރުމަށްޓަކައި ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބެލުމަށް ތަޙްވީލުކުރުމަށް ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ.