ސަރުކާރުން ދާދިފަހުން އިއުލާންކުރިއެވެ. އައްޑޫސިޓީގެ މީދޫއާއި ހުޅުދޫގައިވާ މަތިކިޅިޔަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދެކެވެ. ރަސްމީ ފެންވަރުގައިވެސް އަދި ފަރުދީ ފެންވަރުގައިވެސް އެ ކުޅިޔާއި އޭގެ ވަށައިގެންވާ ޗަސްބިމުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ގިނަގުނަ ކަންތައްތަކެއް ވަނީ ރޭވިފައެވެ. އެކަމަކު މޮޅު ވާހަކައެއް ބުނެފައި ކަރުދާސްތަކެއް ފައިލްކުރުން ފިޔަވައި ސަރުކާރުންވެސް އަދި ރަށު ރައްޔިތުންވެސް ކުޅީގެ ހިމާޔަތުގައި ކަންތަކެއް ކުރާތީއެއް ނުފެނެއެވެ. ފެންނަނީ ހިމާޔަތްކުރެވިފައިވާ ސަރަހައްދު އިތުރަށް ހަލާކުކޮށް ނައްތައިލުމުގެ މަސައްކަތެވެ.
ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި މީދޫއަށް ކުރި ޒިޔާރަތެއްގައި މަތިކިޅި ބަލައިލާން ދިޔައީމެވެ. އެންމެ އަވަހަށް ލޮލުގައި އަޅައިގަތީ އެކިދިމަދިމާލުން ކުޅީގެ ހޭޅިފަށް ފޫދުއްވާލާފައިވާ މަންޒަރެވެ. ހިމާޔަތުގެ ބެލްޓް ކަނޑާލާފައިވާ މަންޒަރެވެ. ވަރަށް ހިތާމަވެރި މަންޒަރެކެވެ. މަތިކިޅީގެ ހިމާޔަތުގެ ފަށަލައޭ މިދެންނެވީ މަތިކިޅީގެ ހޭޅިފަށުގައި އުސްކޮށް ބޯކޮށް ހެދިފައިވާ ޖަންގައްޔަށެވެ. އިނގިރޭސި ބަހުން ބުނާނަމަ ހައި ވެޖްޓޭޝަން ލައިން ނުވަތަ ގްރީން ބެލްޓެވެ. މިއީ ބިޔަ ގަސްތަކުން ފުރިގެންވާ ގްރީން ޒޯނެކެވެ. މި ސަރަހައްދުގެ އެވެރެޖް ފުޅާމިން 150 ފޫޓެވެ. އާއްމު ގޮތެއްގައި އެންމެ ބިޔަކޮށް ހެދިފައިވަނީ ދިއްގާގަހާއި ކަށިކެޔޮގަހެވެ.
މިދެންނެވި ހޭޅިފަށުން މިހާރު އެންމެ ނުރައްކާވެފައިވާ ސަރަހައްދަކީ މީދޫގެ ހުރަހަށް އޮންނަ ބޮޑު މަގާއި މަތިކިޅި ގުޅޭ ސަރަހައްދެވެ. އެންމެފުރަތަމަ އެސަރަހައްދުގެ ޖަންގަލި ކޮށައި ފޫވައްޓައިލީ މީގެ ދެއަހަރެއްހައި ދުވަސް ކުރިން ރަށުގެ ބަޔަކު ނިކުމެއެވެ. އެމީހުން ނިކުމެ އެންމެ ފުރަތަމަ ސާފުކޮށްލިކަމަށްވަނީ ގާތްގަޑަކަށް 50 ފޫޓާއި 120 ފޫޓުގެ ސަރަހައްދެކެވެ. އިލެކްޓްރިކް ބޮޑުކީސް ހިފައިގެން ގޮސް ތިންދުވަސް މަތިން ކޮށައި ތިރިކޮށްލި ސަރަހައްދުގައި ގިނައީ 30 އަހަރުވެފައިވާ ބޮޑެތި ދިއްގާ ގަހާއި 20 އަހަރު ވެފައިވާ ކަށިކެޔޮ ގަސްތަކެވެ.
ހުރަސް ބޮޑުމަގާވީ ފަރާތުގެ ހޭޅިފަށުން އެންމެ ބޮޑަށް ހާމަޔަށް ފެންނަން އޮތީ މިހާރުވެސް އެތަނެވެ. މިތަނާ ކައިރިން އެސަރަހައްދުގެ ހޭޅިފަށުން އިތުރު ގޮޅިގޮޅި މިހާރުދަނީ ކޮށައި ސާފުކުރަމުންނެވެ. ގަސްތައް ކަނޑަމުން ކޮށަމުންގޮސް ހޭޅިފަށުގެ އިތުރު ދިމަދިމާލުންވެސް މިހާރު ވަނީ ފޫވެއްޓިފައެވެ. ނުވަތަ ފޫވެއްޓެން ކައިރިވެފައިވެއެވެ. ހުރަސް މަގާވީ ފަރާތުގެ އިތުރުން މަތިކިިޅީގެ އިރުމަތީ ފަރާތުގެ ހޭޅިފަށްވެސް މިހާރު ވަނީ ކޮށަން ފަށާފައެވެ. އެދިމާލުން ވެމްކޯ ސައިޓް ކައިރިން ދެ ތަނަކުން މިހާރުވެސް ބޮޑެތި ގަސްތައް ކަނޑައި ފޫދުއްވާލާފައިވެއެވެ.
މިގޮތަށް އެކި މީސްމީހުން މަތިކިޅީގެ ހޭޅިފަށް ކޮށައި ތިރިކޮށް އަންދަމުން ދަނީ މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމަށް ބިން ހެދުމަށް ކަމުގައި އެމީހުން ބުނެއެވެ. ދަނޑުވެރިކަމަށްޓަކައި ނަމަވެސް މިގޮތަށް އެެެއްވެސް ހަމައެެެއް ލަމައެއް ނެތި ޖަންގަލި ކޮށިގެން ނުވާނެއެވެ. ކޮށައިގެންވެސް ނުވާނެއެވެ. އެއީ ތިމާވެށީގެ ނަޒަރިއްޔާއަކުން ބަލާނަމަ ބޮޑުވެގެންވާ ޖަރީމާއެެކެވެ. ފަނާކުރަމުންދަނީ ތިމާވެށީގެ އަގުނުކުރެވޭވަރުގެ ތަރިކައެކެވެ. އަދިވެސް ދިގު މުއްދަތަކަށް މީދޫގައި ހިމާޔަތްކޮށްފައި ބޭއްވިދާނެ ބިޔަގަހުގެ ހަމައެކަނި ޖަންގައްޔަކީވެސް މަތިކިޅީގެ ވަށައިގެން އޮތް ހޭޅިފަށެވެ. މިސަރަހައްދު މިހާރު ކޮށަމުންދާ ގޮތަށް ކޮށައި އެޖަންގަލި އެެއްކޮށް ނެތިގެން ހިނގައްޖެނަމަ މުޅި ރަށް އިތުރަށް ހޫނުވެ ހަނަފަސްކަންވެސް އިތުރުވާނެކަމަށް ތިމާވެށީގެ މާހިރުން ފާހަގަކުރެއެވެ.
ހުޅުމީދޫގެ ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މަތިކިޅިޔަކީ މިރާއްޖޭގެ ކުޅިތަކުގެ ތެރެއިންވެސް ބޮޑު ކުޅިއެކެވެ. ގާތްގަޑަކަށް 40 ހެކްޓަރަށް ފެތުރިފައިވެއެވެ. އެއީ ގުދުރަތީ ތަފާތު ދިރުންތަކުގެ ވެއްޓެކެވެ. ހިމާޔަތަށް ބޭނުންވެފައިވާ ތަނެކެވެ. އެއޮތް ބޮޑު ކުޅި މިހާ ދުވަހަށް ހިމާޔަތްވެފައި އޮތީވެސް ކުޅީގެ ވަށައިގެން ބޯކޮށް ހެދިފައިވާ ހޭޅިފަށުގެ ސަބަބުންނެވެ. ވެހިކަލް ތަކުންވެސް އަދި ފައިމަގުގައިވެސް ފަސޭހައިން ކުޅިއަށް ނުވަދެވޭނޭހެން ބަންދުވެފައި އޮތުމުންނެވެ. އެހެންނޫން ނަމަ ދާދި ފަހުން މީދޫ މަތިކިޅީގެ ސަރަހައްދު ހިމާޔަތްކުރި އިރުވެސް މަތިކިޅި އޮތީހީ ކުނި އަޅައި ފުރާލާފައި އޮތް ޖަންކުޔާޑަކަށް ވެފައެވެ.
މަތިކިޅީގެ ހޭޅިފަށުގައި ބިޔަ ގަސްތައް ހުރި ސަރަހައްދުތަކަކީ ދަނޑުވެރިކަމަށް ކައުންސިލުން ބިން ދޫކޮށްފައިވާ ސަރަހައްދެެެއްވެސް ނޫނެވެ. އަދި ދަނޑުބިން ކޮށަން ޕްލޭންކޮށްފައިވާ ސަރަހައްދެއްވެސް ނޫނެވެ. އެހެންނަމަވެސް މިހާރު މިފެންނަނީ އެމީހަކު ބޭނުން ދިމާލަކުން މަތިކިޅީގެ ހޭޅިފަށް ކޮށައި އަންދަމުންދާ ތަނެވެ. މިއީ ވަގުތުން ވަގުތަށް ކަމާބެހޭ މުއައްސަސާތަކުން ހުއްޓުވަން ޖެހިފައިވާ ކަމެކެވެ. މިކަން ނުހުއްޓުވޭނަމަ މީދޫގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެއެވެ. ފަހުން އެންމެން ހިތާމަކުރަންޖެހޭ ހާލަތު އަތުވެދާނެއެވެ.
ތިމާވެށި ހިމާޔަތްކުރަން އެންމެންވެސް ތާއީދުކުރެއެވެ. ބަޔޮސްފިއަރ ރިޒާރވަކަށް އައްޑުއަތޮޅު ހަދައި އަތޮޅުގެ އެކި ކަންކޮޅުތަކުން ހަތަރުފަސްތަނެއް ސަރުކާރުގެ ހިމާޔަތުގެ އައްޑަނައިގެ ދަށަށް ގެންދިއުމުން އެކަމާ އުފާކުރެއެވެ. އެކަމަކު ދެރައީ އަމަލީގޮތުން ވެށީގެ ހިމާޔަތުގައި ކަމެއްކުރާތަން ނުފެންނާތީއެވެ. މީދޫގައި ވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ވަރަށް ހަރަކާތްތެރި ޖަމިއްޔާއެއްވެސް އެބައޮތެވެ. އެއީ ނަލަފެހި ޖަމިއްޔާއެވެ. އެކަމަކު މަތިކިޅީގެ ހޭޅިފަށަށް އަރަމުންދާ ތޫފާން އެ ޖަމިއްޔާގެ ސަމާލުކަމަށް އަދި ނާދެއެވެ. އުއްމީދަކީ އާއްމުންނާއި ސަރުކާރުގެ ސަމާލުކަމަށްވެސް މިކަން އައިސް މަތިކިޅި ހިމާޔަތްވުމެވެ.