އަގުބޮޑުކަމަށް ބުނެ އެއްބަސްވުން ބާތިލު ކުރުމަށްފަހު އެއަށްވުރެއް ބޮޑު އަގަކަށް މަސައްކަތް ދޫކޮށްފައިވާކަން ޖެންޑާ މިނިސްޓްރީގެ 2018 ވަނަ އަހަރު އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތާ ގުޅިގެން ކަންތައްތަކެއް ގޯހުން ކޮށްފައިވާކަމަށެވެ. އެގޮތުން 2.5 މިލިއަނަށް ވުރެއް ބޮޑެތި މަސައްކަތްތައް ކުރުމުގެ ހުއްދަ ދޭނީ ނެޝަނަލް ޓެންޑާ ބޯޑުންކަމަށް ވީނަމަވެސް މި މަސައްކަތް ކޮށްފައިވަނީ އެގޮތަށް ނޫންކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް، އޮގަސްޓް 2016 ގައި 7,196,819 ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލު ކުރުމަށްފަހު، މަސައްކަތުގެ އަގު ބޮޑުކަމަށް ބުނެ، މިނިސްޓްރީ އޮފް ފިނޭންސްއިން ކޮންޓްރެކްޓް ބާތިލު ކުރަން އެންގުމުން ޖަނަވަރީ 2017 ގައި، އެއްބަސްވުން ބާތިލު ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ހަމަ އެއަހަރު، އެމަސައްކަތް ޖުމުލަ 10,441,598 ރުފިޔާއަށް ސިފައިންގެ ވެލްފެއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކުއްލިގޮތަކަށް ކޮންޓްރެކްޓް ބާތިލްކޮށް، ކުރިން ހަވާލުކޮށްފައިވާ އަގަށްވުރެ 3,244,779 ރުފިޔާ އަގުބޮޑުކޮށް އެހެން ފަރާތަކާ ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
މީގެއިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.69 ވަނަ މާއްދާގެ (ނ) ގައި ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 2,500,000 ރުފިޔާއަށްވުރެ ބޮޑުވާނަމަ މަސައްކަތަށް އަގުދެވޭނީ އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންޝަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތުގެ ޕްރޮގްރެސް ޕޭމަންޓް 1 އަދި 2 ކަށް ޖުމްލަ 3,445,727 ރުފިޔާ ދައްކާފައިވާއިރު، މި ދެ ބިލުން އެޑްވާންސް އަދި ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާކަންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.