ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ބަލައިގަނެފައިވަނީ 39 މެމްބަރުންގެ ވޯޓުންނެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތުމުން ވަނީ ދިރާސާކުރުމަށް މިނިވަން މުއައްސާސަތަކާބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
ސަރުކާރުން މި ބިލު ހުށަހެޅީ، ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އެ އިންތިޚާބު ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރަށް ޤަބޫލުކުރެވޭތީ، ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ހިނދެއްގައިވެސް އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދިނުމުގެގޮތުންނެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމަށާއި، އަވަސް މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވާނަމަ އިންތިޚާބާ ގުޅޭ ކަންކަމާބެހޭ ޤާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތަކަށް ބަދަލުގެންނަންޖެހޭތީ ކަމަށް ބިލުގައިވެ އެވެ.