ޖޫން މަހާއި ހަމައަށް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްލުމަކީ ރަނގަޅު ގޮތެއްކަމަށް ފެންނަކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތަކަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ރައްދު ދެއްވައިފިއެވެ.
އެގޮތުން ނިޒާރު ވިދާޅުވީ މާލީގޮތުން މި ދަތި ދުވަސްކޮޅު މަޖިލިސް އެއް އަހަރަށް ސަސްޕެންޑްކޮށް ބާއްވައިފިނަމަ ދައުލަތަށް 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރަން އެއްބަސް ވެވިދާނެތޯ ނިޒާރު ވަނީ ސަލީމް ކައިރިން އައްސަވާފައެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އެއްކޮޅުން ދިމާވެފައިވާ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރަން ޖެހޭ ކަމަށާއި، އަދި ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ އަތުގައި ބޭއްވުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ބަޔަކު އެމީހުންގެ މައްޗަށް ބަސްކިޔުމަށް ބައިތިއްބަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ޕެންޑެމިކްގެ ހާލަތުގައި މި ދެކަންތައް އެއްކޮށް ހާސިލުކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންއާއި ދަތުރުފަތުރުކުރުން ކޮންޓްރޯލް ކޮށްފައި ބޭއްވުމަކީ މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ އެންމެ މުހިިންމު ދެކަންތައް ކަމަށާއި، އެހެންނަމަވެސް އެ ކަންތައް އެގޮތަށް އޮތްހާ ހިނދަކު ހިތްއެދޭފަދަ އިންތިހާބެއް ބޭއްވޭނެ ކަމަށް ނުދެކޭކަމަށް ސަލީމް ވިދާޅުވި އެވެ.
"މިސާލަކަށް އިންތިހާބުގެ ކަންކަން ވަރަށް މައްޗަށް ގޮސްފައިވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ޕޮޒިޓިވް ވެއްޖިއްޔާ ކިހިނެއްތޯ ވާނީ؟ އެމަނިކުފާނާއި އެކުގައި މަސައްކަތްކުރައްވާ ކޮމިޝަންގެ އެހެން މެމްބަރުން އައިސޮލޭޓް ކުރަން ޖެހިއްޖިއްޔާ ކިހިނެއްތޯ ވާނީ؟ އިސް އޮފިޝަލެއްގެ ގޮތުގައި ރަށަށް ފޮނުވާ އީސީގެ އިސް އޮފިޝަލަކީ ޕްރައިމަރީ ކޮންޓެކްޓަކަށް ވެގެން އައިސޮލޭޓް ކުރަން ޖެހިއްޖިއްޔާ ދެން ކިހިނެއްތޯ ވާނީ؟" ސަލީމް ވިދާޅުވިއެވެ.
އިންތިހާބަކީ ހަރަދުބޮޑު އެއްޗެއްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިތުރު ހަރަދުތައް ހިނގާނެ ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓް ކުރުމަށް ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، ކޮންމެ ވޯޓް ފޮށްޓެއް ކައިރީގައި ފިނިހޫނުމިން ބެލުމަށް ތާމޯމީޓަރު ގަތުމަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަދި އިންތިހާބުގައި މަސައްކަތްކުރާ އޮފިޝަލުންގެ ޕީޕީއަށް 3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަލީމް ލަފާކުރެއްވި އެވެ. އަދި މިހާ ތާށި އަދި ދަތި ދަނޑިވަޅެއްގައި ހަމަ ކޮންމެހެން މި ހަރަދުތައް ކޮށްގެން މި އިންތިހާބު ބޭއްވުން މުހިންމުތޯ ސަލީމް ސުވާލު އުފެއްދެވި އެވެ.