ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އިދިކޮޅު ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒަށް ފާޑުކިޔާފައިވާ ލިޔުމެއް ޕީއެސްއެމްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވަނިކޮށް ފެނިއްޖެއެވެ. ލިޔެފައިއޮތެވެ. ހައުސިން މިނިސްޓަރުކަމުގައި ޑރ މުއިއްޒު ހުންނެވި ޒަމާނުގައި އެވެނިކަމެއް ކުރެއްވީ މިހެން އެހެންނެވެ. މޭޔަރުކަމުގެ ކެމްޕޭނުގައި ޑރ މުއިއްޒު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅު ދެކޮޅެއްނުޖެހެއެވެ. ރައްޔިތުން ސުވާލުއެބަކުރެއެވެ. ރައްޔިތުން އެބަވިސްނައެވެ. ޕީއެސްއެމުން މިބުނަނީ ތެދުވާހަކައަކަށް ވެދާނެއެވެ. ދޮގަކަށްވެސް ވެދާނެއެވެ.
މިތަނުގައި ވާހަކަދައްކަން ބޭނުންވަނީ ތެދާއިދޮގު ސާބިތުކުރުމަށްވުރެ ޕީއެސްއެމްގެ ނިޔަތާމެދުގައެވެ. އެއީ ރައްޔިތުންގެ ފައިސާއިން ހިންގާ ރައްޔިތުންގެ މީޑިއާއެވެ. ދައުލަތުގެ ތާޅަފިއްޔެވެ. އިންތިޚާބު މިއޮތީ ބޯމަތިވެފައެވެ. އެކަމަކު އަމާޒަކަށްވީ ވެރިރަށް މާލޭގެ މޭޔަރުކަމަށް ކުރިމަތިލާ އިދިކޮޅު ކެންޑިޑޭޓް ބަރަހަނާކުރުމެވެ. މިއީ ހަމަފާޅުގައި ސަރުކާރުގެ ކެމްޕޭނުގެ ތެރެއަށް ވަނުމެކެވެ. ކޮންމެއަކަސް ޕީއެސްއެމްގެ ވާހަކަޔަކީ ކޮންމެ އިންތިޚާބެއްގެ ދުވަސްވަރުވެސް މިބީދައިން ދެކެވޭ ވާހަކައެކެވެ. ކޮންމެބަޔަކު އިދިކޮޅުގައި ތިއްބަސް މިއީ އެންމެ ބޮޑު ޝަކުވާއެވެ. ކޮންމެ ކުލައެއްގެ ސަރުކާރަކަސް ޕީއެސްއެމަށް އޮންނަނީ ސަރުކާރުގެ ދާއަންނައުނު ދޮވެއިސްތިރި ކުރުމެވެ.
ޕީއެސްއެމްގެ ހުންގާނުގައި ކޮންމެބަޔަކު ތިއްބަސް ތަނުގެ މިސްރާބަކީ މިއީއެވެ. ޚަލީލެކޭ އިކުރާމެކޭ ކިޔާނެކަމެއް ނެތެވެ. އެންމެންވެސް ކުރަނީ އެއްކަމެކެވެ. އިދިކޮޅުގައި ތިބޭއިރު ކޮންމެ ބަޔަކުވެސް ބުނާނެއެވެ. ވެރިކަމަށް އާދެވުނީމާ ތިޔަ ޕީއެސްއެމް އިސްލާހުކުރާނަމެވެ. ނުވަތަ އުވައިލާނަމެވެ. އެކަމަކު މިކަން ކުރެވޭތަނެއް ދުވަހަކުވެސް ނާދެއެވެ. ބާރުލިބޭއިރަށް ކޮންމެ ބަޔަކުވެސް އަވަސްވެގަންނަނީ ބޯޑަށް އެބަޔަކު ރުހޭ އަދި އެބަޔެއްގެ ސިޔާސީ އެޖެންޑާ ހިންގައިދޭނެ ބަޔަކު އައްޔަން ކުރުމަށެވެ. ބޯޑު އެކުލަވައިލީމާ ކޮންމެ މެންބަރަކުވެސް ބަލަނީ ގިރިޓީކުރުމާއި ޚުޝާމަދުކުރުމުގައި އެންމެ ކުރިޔަށް ނުކުމެ ހުންނަނީ ތިމާކަމުގައި ވުމަށެވެ.
ސަރުކާރު ހިންގާންތިބޭ ވެރީންނަށް އެހިސާބުން ފެންނަނީ ހައިބަތު ބޮޑު ޓީވީ ސްޓޭޝަނެކެވެ. ބޮޑު ޓަވަރަކާއި ބޮޑު ގޭޓެކެވެ. ހެއްޔަންބޯ ޕްރޮގްރާމެކެވެ. ދެން ހައްޓަކު ހެޔެއް ނުހުރެއެވެ. ވެއްޓުނު ސަރުކާރުންވެސް ކުޅުނު ކުޅިވަރު އިސާހިތަކު ފަށައިގެންފައެވެ. ބޯޑުން އެދޭ މިންވަރަށް ބަޖެޓްވެސް ދޭންފަށައިފައެވެ. މިގޮތަށް އެއްއަހަރުން އަނެއްއަހަރަށް ބަޖެޓް ބޮޑުކުރަމުން ބޮޑުކުރަމުންގޮސް މިހާރު އުޅެނީ ސަތޭކަ މިލިޔަނާ ގާތުގައޭ ބުނާތީ އިވެއެވެ. ކޮންމެއަކަސް ހޮޅީކޮޅުން ވެލިފައިބާ ބީދައިން ޕީއެސްއެމަށް ދައުލަތުގެ ފައިސާ އެބަވަދެއެވެ. މިއީ ތައުލީމާއި ސިއްހަތަށްވެސް ޚަރަދުކުރާހެން ކުރަންޖެހޭ ކަމެއްކަމަށް ކޮންމެވެސް ބަޔަކު ހީކުރެތެވެ.
މިކުރާ ޚަރަދުތަކުން ނަތީޖާއެއް އެބަނެރެވޭތޯއެވެ. ނަތީޖާ މުޅިން ސުމެކެވެ. އަތޮޅުތެރޭގެ ވިންދު ގެނެވެނީއެއް ނޫނެވެ. އެއްޗަކަށް އޮންނަނީ ސިޔާސީ ޕްރޮޕަގެންޑާއެވެ. ތަފާތު ކުލަކުލަ ޖައްސާން އުޅުނަސް ހަމަ ސަރުކާރުގެ ޕްރޮޕަގެންޑާއެވެ. އެކަމަކު ދިފާއުކުރެވޭ ވެރިކަމެއް ނެތެވެ. ވޯޓެއް ނަގައިފިއްޔާ ސަރުކާރު ބަލިވެއެވެ. ބޮޑުކަމެއް ދިމާވާ ކޮންމެ ފަހަރަކު ބޮޑުތަނުން ޕީއެސްއެމް ފޭލްވެއެވެ. މިބުނި ބަހުގެ މިސާލަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުނު ދުވަހާއި އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވުނު ދުވަހެވެ. ކުޑަމިނުން ރައީސް ސާލިހުގެ ފުރަތަމަ ސްޕީޗުވެސް ޕީއެސްއެމަށް ލައިވެއް ނުކުރެވުނެވެ. ހޯދަންޖެހުނީ އެހެން ބައެއްގެ ފީޑެވެ.
މިހެން މިވަނީ ގާބިލް މުވައްޒަފުން ނެތިގެނެއް ނޫނެވެ. ކިތަންމެހާވެސް މޮޅު ހުނަރުވެރި މުވައްޒަފުން އެބަތިއްބެވެ. އެކަމަކު މުވައްޒަފުންގެ އަތްމަތީގައި މިޒާތުގެ އެއްވެސް އިޚުތިޔާރެއް ނޯވެއެވެ. ކަންކަން ނިންމަނީ ޕާޓީތަކުގެ ޖަގަހަތަކުންނެވެ. ކޮންމެވެސް ހަރުގެޔަކުންނެވެ. ސަރުކާރު ބަލިވާނޭކަން ގަބޫލުނުކުރެވެނީ އެހެންވެގެންނެވެ. ސަރުކާރަށް ނިމުން އަތުވެދާނޭކަން މޭރުންނުވަނީ އެހެންވެގެންނެވެ. ބޮޑުކަމެއް ބޯމަތިވާއިރު ޕްލޭން ބީއެއް ނޯންނަނީވެސް އެހެންވެގެންނެވެ. ތިބެވެނީ މާބޮޑު ޔަގީންކަމެއްގައެވެ. އެހެންވީމާ ސޯލްޓްކެފޭއަށް ކޭބަލް އެޅުމުގެ ވިސްނުމެއް ނާންނާނެތާއެވެ. ހިލާލީގެޔާއި ދޫވެއްސަށް އޮތީ އެޅިފައިވިއްޔާއެވެ.
ދައުލަތުން މީޑިއާއެއް ހިންގާން އުޅުނީމާ ވާނީވެސް މިކަހަލަ ގޮތެކެވެ. ބަޔަކު ހޯހޯއޭ ގޮވިޔަކަސް ބަދަލުވާނީ ހަމަ ޕްރޮޕަގެންޑާ މެޝިނަކަށެވެ. މިއީ ގައުމަށް ކުރިމަތިވެފައިވާ ނިމުމެއްނެތް ގިލަންވެރިކަމެކެވެ. މިސްރާބު ބަދަލުނުކުރަންޏާ މިކަމަށް ދުވަހަކުވެސް ނިމުމެއް ނެތެވެ. އެހެންވީމާ މިއޮތީ ތަފާތު އެހެން ވިސްނުމެއް ގެންގުޅުމުގެ ވަގުތު އައިސްފައެވެ. ސައި ހޮޓާ ރެގިއުލޭޓް ކުރަންވާނީ ހޮޓާ ހިންގާ މީހާއެއް ނޫނެވެ. އެގޮތަށް ދައުލަތުންވެސް ހޮޓާ ހިންގަން ނޫޅެ ރެގިއުލޭޝަނުގެ ބަޔަށް ޖެހިލަންވީއެވެ. ދިވެހި މީޑިއާއަށް ހުރިހާ ގޮތަކުންވެސް ފައިދާބޮޑުވާނީ މިގޮތެވެ. ދައުލަތުން މީޑިޔާ ހިންގާން އުޅުނީމާ އެންމެނަށްވެސް ލިބެނީ އަދި ލިބޭނީ ގެއްލުމެވެ.
ގެއްލުމުގެ އެހެން ވާހަކައެކެވެ. ސަރުކާރުގެ ކުންފުނިތަކުގެ ސްޕޮންސަރޝިޕްގެ ބޮޑުބައެއް ދޭން މަޖްބޫރުވަނީވެސް ދައުލަތުގެ މީޑިއާއަށެވެ. އެނޫން ތަންތަނަށް ބެހިގެންދަނީ ކުޑަކުޑަ މިންވަރެކެވެ. އެ އެތިކޮޅުވެސް ދެނީ ކުންފުނީގެ ޕްރޮމޯޝަނަށްވުރެ ބޮޑަށް އެމްޑީ ނުވަތަ ސީއީއޯގެ އަމިއްލަ ޕްރޮމޯޝަނަށެވެ. ޕީއެސްއެމަށް ލިބޭ ސްޕޮންސަރޝިޕް އަހަރަކު 75 މިލިޔަން ރުފިޔާއަށްވުރެ މައްޗެވެ. ޓެކްސް ފައިސާވެސް ޕީއެސްއެމްއަށެވެ. ސްޕޮންސަރޝިޕްވެސް ޕީއެސްއެމްއަށެވެ. މިއީ ދުޅަހެޔޮ މީޑިއާއެއް ގާއިމުކުރުމަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ހުރަހެކެވެ. މިގޮތްދޫކޮށް ހެޔޮގޮތް އިޚުތިޔާރުކުރަން އެބަޖެހެއެވެ. ދިވެހި މީޑިއާ އުދުއްސައިގަންނާނީ އޭރުންނެވެ.