ގއ. ދާންދޫން އެއް އަހަރުގެ ފިރިހެން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ދާންދޫ ކައުންސިލުން ބުނީ އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ ކުއްޖާ މިހާރު ވަނީ ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ.
ގއ.ކޮވިޑް ފެސިލިޓީގައި އަންނަނީ ދާންދޫން ޕޮޒިޓިވްވި އުމުރުން 20 އަހަރުގެ އަންހެނަކަށާއި، 66 އަހަރުގެ އަންހެނަކަށް ވެސް ފަރުވާދެމުންނެވެ.
ދާންދޫއިން އިތުރު ކޭސްތަކެއް ފެނުމާއިއެކު އެރަށު އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 9 އަކަށް އަރާފައެވެ.
ގއ އަތޮޅުން އެންމެ ފުރަތަމަ ކޭސްތަށް ފެންނަން ފެށި ދެއްވަދޫންނެވެ. ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ. އަދި މިހާތަނަށް އެ ރަށުން މި ބައްޔަށް ޖުމްލަ 50 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ދެއްވަދޫ އިން ކޮވިޑްގެ ކޭސްތަކެއް ފެނި އެއާ ގުޅުންހުރި އިތުރު ކޭސްތަކެއް އެ އަތޮޅު ވިލިނގިލިންނާއި ދާންދޫ އަދި ލ.ފޮނަދޫ އާއި ހުޅުމާލެ އިން ވެސް ވަނީ ފެނިފައެވެ.