ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އައްޑޫއަށް އިތުރު ދާއިރާތަކުން ލޯން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
އެސްބީއައިގެ ސީ.އީ.އޯ، މިސްޓަރ ބާރަތު މިޝްރާ އާއި އެކު އައްޑޫ ސިޓީ ކައުންސިލުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ޕާސަނަލް ލޯންތަކާއި ހައުސިންގ ސްކީމްތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްޥަފައި. އަދި އައްޑޫ ސިޓީގައި ހިންގާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް، ޚާއްޞަކޮށް އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވާފައެވެ.
އެސްބީއައިގެ ޓީމެއް އައްޑޫ ކައުންސިލާއި ބައްދަލު ކުރެއްވި އިރު މީގެ ކުރިންވެސް އެސްބީއައި އިން ވަނީ އައްޑޫގެ ފަތުރުވެރިކަމަށް އެސްބީއައި އިން ލޯންތައް ދިނުމާއި ގުޅޭ މަޝްވަރާކޮށްފައެވެ.
2015 ވަނަ އަަހަރު އައްޑޫ ކައުންސިލާއި އެސްބީއައި އާއި ދެމެދު އޭރު ކުރެވުނު މަޝްވަރާގައި އައްޑޫގައި ގެސްޓު ހައުސް ތަރައްޤީ ކުރުމަށް އެ ބޭންކުން 10 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ލޯން ދޭން އެއްބަސްވެފައިވާ ކަމަށް މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ އުސޫލުން އެކަންކަން ފުރިހަމަވެފައި ނުވެއެވެ.