އެމެރިކާގައި އިއްޔެ ނިއުޅެމުންދިޔަ ސަފުހާތައް ވަރަށް ޝައުގުވެރިކަމާއެކު ބަލަން ޓީވީދޮށުގައި އިނީމެވެ. ވޮޝިންޓަނަށް އަލްވަދާއު ކިޔައިފައި ޓްރަމްޕު ފުރައިގެންދިޔަ މަންޒަރެވެ. އައު ރައީސް ބައިޑެންގެ ހުވައިކުރެއްވުމާއި އޭނާގެ ރިޔާސީ ފުރަތަމަ ތަގްރީރެވެ. އައު ވާހަކައެއް އަޑުއިވޭތޯއެވެ. އައު މަންޒަރެއް ފެނޭތޯއެވެ. މިހެން ހުރެހުރެފައި ހުރިހާކަމެއް ނިމުނީމާ ހިތަށް އެރިއެވެ. މިޒަމާނުގެ އެންމެހައި ސިޔާސީން ދަރިވަރުވެގެން މިތިބީ އެއްފޮތަކަށްތާއެވެ. ގެންގުޅެނީވެސް އެއްރަދީފެއްތާއެވެ. މިރާއްޖޭގެ ސިޔާސީންގެ ދުލުން ބޭރުނުވާ އައު ވާހަކައެއް އެމެރިކާނޭ އެކިޔޭ ގައުމުގެ ސިޔާސީންގެ ފަރާތުންވެސް އިވުނީއެއް ނޫނެވެ. ހައްތާވެސް މިރާއްޖޭގައި އިވިއިވި ބައުވެފައިހުރި ވާހަކަތަކެވެ.
ފްލޮރިޑާއަށް ފުރަންގޮސް އެއަރޕޯޓުގައި ހުރެގެން ޓްރަމްޕު ބުންޏެވެ. މިއީ އަދި ވަކިވުމެއް ނޫނެވެ. އަހުރެން އެނބުރި އަންނާނަމެވެ. ހަމަކަށަވަރުންވެސް އެނބުރި އަންނާނަމެވެ. ފާއިތުވީ ދައުރުގައި އަހަރެމެން ކުރީ ކުރާން އައިކަންތަކެވެ. ބާކީބައި އަދި އޮތީއެވެ. ޓްރަމްޕުގެ ވާހަކަ އަޑުއަހާން ހުރެފައި ހިތުގައި ޖެހުނެވެ. މީނާ މިހިރީ ރައީސް ނަޝީދު 2013 ގެ އިންތިޚާބަށްފަހު ދެއްވި ތަގުރީރު އަޑުއަހައި ހިތުދަސްކޮށްގެންތާއެވެ. ފިއްޔެއްވެސް ތަފާތު ނުކުރެއެވެ. ނަޝީދުވެސް ދެއްކެވީ ކުރާން އައިކަންތައް ކުރެއްވި ވާހަކަޔާއި އެނބުރި އަންނާނޭކަމުގެ ވާހަކައެވެ.
ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު އައު ރައީސް ޖޯ ބައިޑެން ވިދާޅުވިއެވެ. އަޑުއަހައި އިތުބާރުކުރާށެވެ. މިއީ ހުރިހާ އެމެރިކާނުންގެ ރައީސެވެ. ވަކި ފިކުރަކަށް ތަބާވާ މީހުންގެ ރައީސެއް ނޫނެވެ. މިއައީ ގައުމު އާރާސްތުކުރުމަށެވެ. އަމާޒަކީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމެވެ. އެންމެނަށްވެސް ހައްގު މިންވަރު ލިބިދިނުމެވެ. މިއަދަކީ ރައްޔިތުންގެ ދުވަހެވެ. ޑިމޮކްރަސީގެ ދުވަހެވެ. އަނެއްކާވެސް ހިތުގައި ޖެހުނެވެ. ބައިޑެންވެސް މިހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ފުރަތަމަ ތަގުރީރު ހިތުދަސްކުރައްވައިގެންތާއެވެ. ނޫނީ އެއްފޮތަކަށް ދަރިވަރުވެގެންތާއެވެ. ފިއްޔެއްވެސް ތަފާތުކުރެއްވީއެއް ނޫނެވެ.
ވައިޓްހައުސް ދޫކޮށްފައި ދަމުން އޯވަލް އޮފީހުގެ މޭޒުމަތީގައި މާވަރުގަދަ ސިޓީއެއް ޓްރަމްޕު ބޭއްވިއެވެ. އައު ރައީސް ޖޯ ބައިޑެންއަށް ލިޔުނު ސިޓީއެކެވެ. މިޒާތުގެ ސިޓީއެއް އޮންނާނެޔޭ ވައިޓްހައުސްގެ މުވައްޒަފުންވެސް ބުންޏެވެ. ކޮންމެއަކަސް މިސިޓީގެ ވާހަކަ އިވުނު ހިސާބުން މީގައިހުރި ވާހަކަތައް ދެނެގަތުމުގެ ޝައުގުވެރިކަން މީސްތަކުންގެ މެދުގައި ވަރަށް ބޮޑުވިއެވެ. ހުވައި ކުރެއްވުމަށްފަހު ވައިޓްހައުސްއަށް ވަޑައިގެން އައު ރައީސް ޖޯ ބައިޑެން އެ ސިޓީ މިހާރު ބައްލަވައިފިއެވެ. އެޔާމެދު ރިޕޯޓަރަކު ސުވާލުކުރީމާ ވިދާޅުވިއެވެ. އެއީ މުޅިން ޕްރައިވެޓް އެއްޗެކެވެ. ވަރަށް ދީލަތި ބަސްފުޅުތަކެއް އެކުލެވޭ ސިޓީއެކެވެ. ޓްރަމްޕުގެ ޝަޚުސިއްޔަތު ހާމަވާ ސިޓީއެއްމެއެވެ. މިވަގުތު ބުނެވެންއޮތީ މިހައިވަރަަށެވެ.
ސިޓީގައި ހުރި ވާހަކަތައް ޖޯ ބައިޑެން ވިދާޅުވެނުދެއްވިޔަސް އެއީ ޓްރަމްޕުގެ މިޒާޖާއި އަޚުލާގު ރަމްޒުކޮށްދޭ ސިޓީއެކޭ ވިދާޅުވީމާ ދެން ހުންނާނީ ކޮން ވާހަކަތަކެއްކަން ދެނެގަންނަން އުދަގުލެއްވެސް ނުވާނެއެވެ. އޭގައި ލިޔެފައިވާ ކަމަށް ބައެއް މީހުން ހީކުރެއެވެ. ތިޔަގޮނޑީގައި އިށީދެވުނީމާ މޮޅުތަކެއް ވެއްޖެކަމަށް ހީކުރަމުތާއެވެ. ކަލެއަށްވެސް އެނގޭނޭފަދައިން މޮޅުވީ މަށެވެ. ކަލޭ މަކަރުހެދީއެވެ. ބަލަން ހުންނާށެވެ. އަހުރެން އަދި އަންނާނަމެވެ. މި ދިވެހިރާއްޖޭގައިވެސް ކުރީގެ ރައީސުންނަށް މިޒާތުގެ މެސެޖުދިނުމަކީ އޮންނަ ކަމެކެވެ. އިހަށްދުވަހުވެސް ކުރީގެ ރައީސަކާ ދިމާލަށް ކުރީގެ އެހެން ރައީސަކު ވިދާޅުވި ކަމަށް މީޑިޔާގައި ލިޔެފައި އޮތެވެ. ގައުމަށް ފާވި ބަލާއެކެވެ. އަނިޔާވެރިކަމުގެ އިންތިހާއެވެ. އެއީ ކަލޭގެ ދައުރު މަށަށް ސިފަކުރެވޭގޮތެވެ.
އެންމެފަހު ވަގުތުވެސް ޖޯ ބައިޑެންއާމެދު ހެޔޮބަހެއް ޓްރަމްޕު ބުނާނޭކަމަށް އަދި ބުނެފާނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. މިހާތަނަށް ދުވަހަކު ބުނީއެއްވެސް ނޫނެވެ. ބައިޑެންއަކީ އާގަންނަ މުސްކުޅިޔެކޭ އެވަރުގެ މީހަކު ވެރިކަމަށް ގެނެސްފިއްޔާ އެމެރިކާވެސް އާގަންނަ ނުކުޅެދޭ ގައުމަކަށް ވެދާނެޔޭ ބުނީވެސް ޓްރަމްޕެވެ. އާގަތުމަކީ ވާހަކަ ދައްކާއިރު ބައެއްފަހަރު އަކުރުތައް ތަކުރާރުވުމާއި ކުއްލިއަކަށް އަޑު ބެދުންފަދަ ގިލަންވެރިކަން ހިމެނޭ ބައްޔެކެވެ. ބައިޑެންގެ ކިބައިގައި ކޮންމެވެސް މިންވަރަކަށް މިބަލީގެ އަސަރު ހުރެއެވެ. އެހެންވެ ބައިޑެންއަށް މަލާމާތްކުރުމުގެ ގޮތުން އެޒާތަށް ޓްރަމްޕު ވާހަކަވެސް ދެއްކިއެވެ.
މަކާރިމުލް އަޚުލާގޭ ކިޔުނު ފޮތުގެ ބަނޑޭރިގަޑު ފެންނަ ހިސާބަށްވެސް ޑޮނަލްޑް ޓްރަމްޕަށް ދެވިފައިނެތީކަމަށް ވެދާނެއެވެ. ކޮންމެއަކަސް އޭނާގެ އަޚުލާގު ވީދިހަލާކުވެފައިވާ މިންވަރު ފެނިފައި އެމެރިކާގެ ވަރަށް ގިނަބަޔަކު ތިބީ ތަލިން ކުޅުހިކި އަންތަރީސްވެފައެވެ. އެމެރިކާގެ ރައްޔިތުން އަންތަރީސްވިއަސް ދިވެހީން އަންތަރީހެއް ނުވެއެވެ. އެހެނީ މިއީ ދިވެހިރާއްޖޭގައި މީގެކުރިންވެސް ތަމްސީލުވެފައިވާ މަންޒަރެކެވެ. މާލޭގެ ހެދިގޮނޑުދޮށުގައި 2011 ވަނަ އަހަރު ބޭއްވުނު އެއްވުމެއްގައި އޭރުގެ ރައީސް ވާހަކަ ދައްކަވާގޮތޭ ވިދާޅުވެ އޭނާ ހާރުވަމުން ހަމައެގޮތަށް ބޭފުޅަކު ވާހަކަ ދެއްކެވިއެވެ. އެކަމާވީ އުފަލަކުން ތޯއްޗެކެވެ. ދެން ބޭއްވި ރިޔާސީ އިންތިޚާބުގައި ދިވެހިން ވޯޓުދިނީވެސް މިދެންނެވި މަނިކުފާނަށެވެ.
މިވާހަކަތައް މިލިޔަނީ ވަކިމީހަކު ބަދުނާމުކޮށްފައި އަނެކަކު މޮޅުކުރާކަށް ނޫނެވެ. އެކަހަލަ ނިޔަތެއް އަމްދުން ނުވެސްނެތެވެ. ކަންކަންބަލައި ހޯދައި ފިކުރުކުރާ މީހަކަށްވާތީ ފެންނަމުންމިދާ މަންޒަރުތަކުގެ އެއްގޮތްކަން ހިތަށް ވަދެގެން ބަންޑުންވާ ހާސަރަކީއެވެ. އެކޮޅާއި މިކޮޅު ގުޅުވައިލެވެނީއެވެ. އަހުރެންނަކާ ޓްރަމްޕަކާ ކޮން ކީކީއެއްހެއްޔެވެ. ބައިޑެން ހޭރުވިޔަސް ދިވެހީންގެ ތެރެއިން ރައީސަކު ހޭރުވިޔަސް އަހުރެންނަކާ ކޮން ބެހުމެއް ހެއްޔެވެ. ކަންއޮތީ މިހެންނެވެ. އެހެންނަމަވެސް އެންމެނަށް މިގޮތް ކަމަކުނުދާނެއެވެ. ތިޔައީ ގޯހެކޭ ބުނާ މީހުންވެސް ތިބޭނެއެވެ. ތާރީޚުގައި އެމީހަކު ކުޅަކަމެއްގެ ވާހަކަ ލިޔަންވެސް ލިޔާނެއެވެ.