މޯލްޑިވިއަން އިން އައްޑޫ ސިޓީ އަށް އިންޓަނޭޝަނަލް ފްލައިޓްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަން އިން މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އިންޓަނޭޝަނަލް ދަތުރުތައް ކުރުމަށް މޯލްޑިވިއަން ހަމަޖައްސާފައިވާ މައިގަނޑު ތިން ހަބަކީ އައްޑޫ އެއާޕޯޓުގެ އިތުރުން ވެލާނާ އެއާޕޯޓާއި މާފަރު އެއާޕޯޓު ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މޯލްޑިވިއަން އިން މި ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު އައްޑޫ އާއި ހުވަދޫ ދެމެދު ސީޕްލޭންގެ ހިދުމަތް ވެސް ދާދިފަހުން ވަނީ މޯލްޑިވިއަން އިން ފަށާފައެވެ. މީގެއިތުރުން މޯލްޑިވިއަން އަން އިން ދާދިފަހުން ވަނީ އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ކަނެކްޝަން ފްލައިޓުތަކެއް ވެސް ފަށާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އައްޑޫ އާއި ހުވަދޫ އާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ގަވާއިދުން ކޮންމެ ދުވަހަކު ވައިގެެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުން އައިލޭންޑް އޭވިއޭޝަނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަދި ވަކިން ހާއްސަކޮށް އައްޑޫ އާއި ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީގެ އިގްތިސާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން ގަން އެއާޕޯޓު މެދުވެރިކޮށް ހުވަދު އަތޮޅާއި ފުވައްމުލަކަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
އިގްތިސާދީ ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.