އަދާލަތު ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތި ލައްވައިފި އެވެ.
އަދާލަތު ޕާޓީން ބުނެފައިވަނީ އެޕާޓިގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ނަމްބަރުގެ ދަށުން، ޕާޓީގެ ތިން ވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު 30 ޖެނުއަރީގައި އޮންނާނެ ކަމަށެވެ. އަދި ޕާޓީގެ ރައީސް އާއި ނައިބު ރައީސް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައިވަނީ އެންމެ ދެފަރާތުން ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
އެގޮތުން ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ، ކެނޑިޑޭޓް ނަމްބަރު އެކެއް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އިސްލާމިކް މިނިސްޓަރުގެ ނައިބެއްގެ ގޮތުގައި ކުރިމަތި ލައްވާފައިވަނީ އަހުމަދު ނަޝީދެ އެވެ،
އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ ދެވަނަ ފަރާތަކީ މިހާރުވެސް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މިނިސްޓަރު އިމްރާންގެ ނައިބެއްގެ ގޮތުގައި ކުރިމަތި ލައްވާފައިވަނީ އަހުމަދު ޝަރީފެވެ.
އަދާލަތު ޕާޓިން ބުނެފައިވަނީ މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ ޖެނުއަރީ 27 ވަނަ ދުވަހުގެ މެންދުރު 02:00 ގެ ނިޔަލަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ މެމްބަރުންނަށް ކަމަށެވެ. އަދި ވޯޓޫ ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަަމށް ވެސް އެ ޕާޓީން މައުލޫމާތުދެ އެވެ.