ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން، އެ ހުކުމް ބަލައިނުގަނެ ސިދާ ހަރަކާތަށް ނިކުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމައިފި އެވެ.
މިއަދު ބޭއްވި ޕްރޮގްރެސިވް ކޯލިޝަން ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ލީޑަޝިޕުން ހުށަހަޅާ ޤާރާރެއްގެ ގޮތުގައި އަބްދުއްރަހީމް ވަނީ ޤަރާރެއް ހުށަހަޅުއްވަައިފަ އެވެ. ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ޤަރާރު ފާސްކޮށް ނިންމާފައިވަނީ ސީދާ ހަރަކާތަށް ނިކުތުމަށެވެ.
އަބްދުއްރަހީމް ހުށަހެޅި ޤަރާރުގައި ބުނެފައިވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަށް ހައިކޯޓުގެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ތާއީދުކޮށްފައިވަނީ އަޣުލަބިއްޔަތުން މައްސަލަ ނިންމާފައިވަނީ ޝަރްއީ އަދި ޤާނޫނީ ހަމަތަކާ ހިލާފަށް ސިޔާސީ ބޭނުމަކަށްޓަކައި ކަން އެނގޭ ކަމަށެވެ.
"ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/637 ޤަޟިއްޔާ އިން މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޛް ޙުސައިން ޝަހީދުގެ ރައުޔަށް ބަލާއިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދަޢުވާއަކީ އެ ދަޢުވާ އުފުލުނު ހިނދުން ފެށިގެންވެސް ބާޠިލް ދަޢުވާއެއް ކަމަށާއި، ދަޢުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެންމެހައި ހެކިތަކާއި ޤަރީނާ ތަކަކީ އޭގެ ޒާތުގައިވެސް ބާޠިލް އެއްޗެއްކަމަށެވެ. ވުމާއެކު ކްރިމިނަލް ކޯޓުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައަޅުއްވާފައިވާ ޙުކުމް ބާޠިލް ކުރަންޖެހޭކަމަށް ދެކެވަޑައި ގަންނަވާކަމަށެވެ." އިދިކޮޅުން ހުށަހެޅި ޤަރާރުގައިވެ އެވެ.
އިދިކޮޅުގެ ޤަރާރުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުން ނިންމުމުގައި ދިގުލާ ގޮސްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ސަރުކާރުގެ ނުފޫޒު މިމައްސަލައިގެ ތެރެއަށް ވަދެފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންކުރުމަށް ސީދާ ހަރަކާތަށް ނިކުތުމަށް ޤަރާރުގައި ގޮވާލާފައިވެ އެވެ.