ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށާއި، އިތުރު ލޮކްޑައުނަކަށް ނުދިޔުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ގެ އެތެރަހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އިލްތިމާސް ކުރައްވައިފިއެވެ.
ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މިފަހަކަށް އައިސް 50 އަށް ވުރެ ދަށް ނުވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދާއި އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
އެކަމާ ގުޅިގެން ޑރ.އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާއި ގުޅިގެން އެހެން ގައުމުތަކަށް ދިމާވަމުންދާ ކަންކަމުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށާއި އެ ގައުމުތައް ލޮކްޑައުނަކަށްފަހު ލޮކްޑައުނެއް ކުރަމުންދާ ކަމަށެވެ. އަދި ލޮކްޑައުނާއި ގުޅިގެން ދިވެހިން ގިނަ ކަންތައްތަކެއް ތަހައްމަލުކޮށްފައިވާ ކަމަށާއި ނަމަވެސް ބަލި ފެތުރުމަށް ކުރަންޖެހޭ އާދައިގެ ކަންކަމަށް ބޯނުލަނބާނަމަ އަލުން އެނބުރި އެ ހާލަތަށް ދާންޖެހިދާނެ ކަމަށްވެސް ޑރ.އަލީ ވިދާޅުވިއެވެ.
އެ ހާލަތު ބަދަލުކުރުމުގެ ފުރިހަމަ ބާރު ކޮންމެ މީހެއްގެ އަތުގައި ވެސް އެބައޮތް ކަމަށާއި އެގޮތުން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުމުގެ އިތުރުން މާސްކު އެޅުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ޑރ.އަލީ ވަނީ އިލްތިމާސްކުރައްވާފައެވެ.
Cases of #COVID19 are increasing in Maldives again. Sick cases are becoming more sicker. Enforce the infection prevention precautions of handwash, distancing, & face masking, appropriately!!! Just not for the sake of doing it, but to do it whole heartedly. Thank you ♥️ 2/2
— Dr. Mohamed Ali (@Moxamedalu) January 23, 2021
ރާއްޖެއިން އިއްޔެ ވެސް 55 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭގެތެރެއިން 31 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. ރާއްޖެއިން މިހާތަނަށް 14،885 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްގެ އަދަދު ވަނީ 1015 އަށް އަރާފައެވެ. ހޮސްޕިޓަލުގައި 77 މީހަކަށް ފަރުވާ ދެމުންދާއިރު 50 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.