އައްޑޫ ސިޓީ ކައުންސިލަރުން ތަޖްރިބާގެ ދަތުރެއްގައި ގދ. ތިނަދޫއަށް ގޮސްފިއެވެ.
ގދ. ތިނަދޫގައި ހުންނަވައި "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫ ކައުންސިލުން ހުވަދޫއަށް ކުރާ ދަތުރަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. އަތޮޅުގެ ރަށްތަކުގެ ކައުންސިލް ތަކާއި ބައްދަލު ތަޖްރިބާ ހޯދުމަށް ކުރަމުންދާ ދަތުރެއް ކަމަށެވެ.
ސޯބެ ވިދާޅުވީ ގދ. އަތޮޅުގެ ކައުންސިލާއި، ރަށު ކައުންސިލު ތަކާއި ބައްދަލުކޮށް ކައުންސިލް ހިންގުމުގައި ދިމާވާ މައްސަލަ ތަކާއި ގޮންޖެހުން ތަކާއި މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އައްޑޫ އާއި ހުވަދޫ އަތޮޅު ދެކުނު ބުރީގެ ރަށްތަކާއި އެކު އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ގުޅިގެން ކުރެވޭނެ ކަންކަންތައް ތަކާއި މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހުވަދޫ އަތޮޅުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް ދިމާވާ މައްސަލަ ތަކާއި ދަތިތައް އޮޅުން ފިލުވައި އެކަންކަން ފަސޭހަ ކުރުމަށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
"އަޅުގަނޑު މެންގެ މި ދަތުރުގައި އެންމެ ހާއްސަ އިސްކަމެއް ދޭނެ އެއް ކަމަކީ ހުވަދޫން އައްޑޫއަށް ބޭސް ފަރުވާއަށް އަންނަ ފަރާތްތަކަށް ދިމާވާ މައްސަލަ ތައް ސާފު ކޮށް އެކަންކަން ހައްލު ކުރުމަށް، އެގޮތުން މިއަދު ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ވެރިންނާއި އެކު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި" ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުނު ފަހުން ހުވަދޫގެ ރަށްތަކުން އައްޑޫއަށް ބޭސް ފަރުވާއަށް އަންނަ ފަރާތްތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.
އައްޑޫ ކައުންސިލުން ހުވަދޫއަށް ކުރާ މި ދަތުރުގައި ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ އާއި މަރަދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ފައިސަލް ފިޔަވައި، ކައުންސިލްގެ ދެން ތިއްބެވި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުގައި އައްޑޫގެ ކައުންސިލަރުންނާއި އެކު ޖުމްލަ 10 ފަރާތަކުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ އައްޑޫ ކައުންސިލުން ހުވަދޫއަށް ކުރާ މިފަދަ 8 ވަނަ ދަތުރެވެ.