Last Updated: November 29, 05:56
Friday, November 29, 2024
ރިޕޯޓް

"ބިޑި އެޅުވުމަކީ ލާއިންސާނީ އަމަލެއް ނޫން"

ނޯޓް: މިއީ ޕޮލިސް ވެބްސައިޓް "ޕޮލިސް ލައިފް" ގައި ޕޮލިސް ކޯޕްރަލް އާތިފާ ހަސަން އޮކްޓޯބަރު 2، 2013 ގައި ލިޔުއްވާފައިވާ އާޓިކަލެކެވެ. އާތިފާއަކީ ސ. ފޭދު އަށް ނިސްބަތްވާ ފުލުހުންގެ އޮފިސަރެކެވެ.
———————————————————————————

ފުލުހުންނަށް ޤާނޫނީ ގޮތުން ލިބި ދީފައިވާ ބާރުތަކުގެ ތެރެއިން ބި ޑިއެޅުވުމަކީ ލާއިންސާނީ ޢަމަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެއީ ލާއިންސާނީ ޢަމަލެއް ނޫނެވެ.

އެހެން ނަމަވެސް އެއީ ބިޑިއަޅުވާފައިވާ މީހާ އާއި އޭނާ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންގެ މީހާގެ ރައްކަލަށްޓަކައި ކުރުން ލާޒިމް ކަމެކެވެ. އަދި ކިއެއްތަ އެއީ ފުލުހުންގެ ޤާނޫނު 5/2008 ގެ ދަށުން އެކުލަވާލާފައިވާ ފުލުހުންގެ ޢާންމު ޤަވާއިދުގެ 8 ވަނަ ބާބުގައި އެކަން ކުރުމަށް ބަޔާންކޮށްފައިވާ ގޮތް ވެސް މެ އެވެ.

އެގޮތުން އެބާބުގެ 57 ވަނަ މާއްދާގައި ޞަރީޙަ އިބާރާތުން ބުނެފައި ވަނީ "ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއް ތަނުން އަނެއް ތަނަށް ގެންދަން ޖެހޭނީ ބިޑިއަޅައިގެންނެވެ" މިހެންނެވެ.

ބިޑި އަޅުވަން ޖެހޭ ހާލަތް ކަމުގައި 3 ހާލަތައް ފުލުހުންގެ ޢާންމު ޤާވާއިދުގެ އަށް ވަނަ ބާބުގެ ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްގެންނާއި ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއް ގެންދިއުމުގަ އާއި ކޯޓު އަމުރެއްގެ ދަށުން ހުކުމް ތަންފީޒު ކުރަން ޖެހޭ މީހަކު ހައްޔަރު ކުރުމުގައި ބިޑި އަޅުވަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ބިޑި އަޅުވަން ޖެހޭ ގޮތްތައް ވެސް 7 ވަނަ ބާބުގެ ދަށުން ހެދިފައިވާ މާއްދާތަކުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށް ދީފައިވެ އެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އެއްގަމު މަގުން އެއްތަނުން އަނެއް ތަނަށް ގެންދަން ވާނީ ފަހަތަށް ބިޑި އަޅުވައިގެން ކަމަށާއި ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރު ކުރާ ނަމަ ބިޑި އަޅުވަން ޖެހޭނީ ދެ އަތް ކުރިމައްޗަށް ވާ ގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. މި އާއެކު ކަނޑުމަގުން ގެންދާ ނަމަ ބިޑި އަޅުވަންޖެހޭނީ ލައިފް ޖެކެޓް އެޅުވުމަށް ފަހު ކަަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ބިޑި އެޅުވުމާ ގުޅޭ ބާބުގައި ވަރަށް ތަފްޞީލުކޮށް ބިޑި އެޅޭނެ ހާލަތްތަކާއި ބިޑި އަޅާނެ ގޮތްތަކާއި އަދި އަޅަން ޖެހޭ ބިޑިއާ ބިޑި އަޅައިގެން ގެނެވޭ މީހުންނާ މެދު އަމަލު ކުރާނެ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ.

ބިޑި އަޅުވައިގެން ގެންގުޅެން ޖެހޭ މީހެއްގެ ޢަމަލުތައް ހުރި ގޮތަށް ރިޢާޔަތްކޮށް އެ މީހަކު އެސްކޯޓް ކުރާ ފުލުހުންގެ އޮފިސަރަށް ބިޑި އެޅުވުމުގައި ލުއި ގޮތްތައް ޚިޔާރު ކުރުމުގެ ފުރުޞަތު ވެސް މި ޤަވާއިދުން ލިބި ދީފައިވެ އެވެ.

ހަމަ މިއާއެކު ބިޑި އެޅުމުގެ ތެރޭގައި އެ މީހަކު ދައްކާ ނުކިޔަމަންތެރި ކަމެއްގެ ސަބަބުން އެ މީހާގެ ނުވަތަ އެހެން މީހެއްގެ ނަފުސަށް ނުވަތަ މުދަލަކަށް ވެސް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ނުކިޔަމަންތެރިކަން ދެއްކި މީހާ ކަމަށް ވެސް މި ޤަވާއިދުގައި ބުނެފައިވެ އެވެ.