Last Updated: December 22, 10:56
Sunday, December 22, 2024
ޚަބަރު ކުނީގެ މައްސަލަ

ޕްލާސްޓިކްގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރު ކުރަންޖެހޭ: ފަސްޓްލޭޑީ

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު-- ފޮޓޯ: ރައީސް އޮފީސް

ޕްލާސްޓިކްގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރު ކުރަންޖެހޭ ކަމަށް ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ފަސްޓްލޭޑީ ފަޒްނާ މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމަށް މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފަސްޓްލޭޑީ ފަޒްނާ ވިދާޅުވީ ތިމާވެށީގެ ކުނީގެ މައްސަލަ ހައްލުކުރެވޭނީ އެންމެން އުކުގައި ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. ގޮނޑުދޮށްތަކާއި މޫދުތައް ސާފުކުރުމާއި ޕްލާސްޓިކާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތަކަކީ ވަރަށްބޮޑު ހަނގުރާމައެއްކަމަށް ވެސް ފަސްޓްލޭޑީ ވިދާޅުވި އެވެ.

ސާފުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުން ހަމައެކަނި ކުނީގެ މައްސަލަ ހައްލުނުވާނެކަން ފާހަގަކުރައްވާ ފަސްޓްލޭޑީ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުވާނީ މޫދަށާއި، އެހެންވެސް ތަންތަނަށް ކުނި އެޅުން ހުއްޓާލުމުން ކަމަށެވެ. އަދި ޕްލާސްޓިކްގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރު ކުރަންޖެހޭ ކަމަށާއި، އެމަގުން ނޫނީ މިފަދަ މައްސަލަތައް ހައްލުނުވާނެ ކަމަށް ވިދާޅުވި އެވެ.

އީޔޫގެ އެހީގައި ސްވިޗް އޭޝިއާ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްލާސްޓިކް މަދު ކުރަން ފެށި ޕްރޮޖެކްޓް، "ޕްރޮމިސް – ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ލަކްޝަޑްވީޕް ސީ" ޕްރޮގްރާމް މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔައިރު، މި ޕްރޮގްރާމް ރާއްޖޭގައި ހިންގުމަށް އިސްވެ ހަރަކާތްތެވިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީންނެވެ.