މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަދާއި ހަމައަށް އައްޑޫގެ ކަރަންޓް މައްސަލަ ހައްލުނުވެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު އަދިވެސް މިކަމުގެ ކުރިމަގު ފެންނަނީ ބަނަކޮށެވެ.
މީގެ 13 އަހަރު ކުރިން ޖަޕާން ސަރުކާރުން ހިތަދޫ އާރްއޭފްގައި ގާއިމް ކުރި މަރުކަޒީ އިންޖީނުގެ ފާއިތުވި ތަނުގައި ހިންގާފައި ވަނީ އެމްއީބީ އާއި ސްޓެލްކޯ އަދި ސަދަން ޔޫޓިލިޓީ ކުންފުނިންނެވެ.
އިންޖީނުގެ އެންމެ ފުރިހަމައަށް ހިނގާފައިވަނީ ސްޓެލްކޯއިން އެތަން ހިންގި ދުވަސްވަރުއެވެ. ގާބިލް ހުނަރުވެރި ޓީމެއްގެ ބެލެނިވެރިކަމުގެ ދަށުގައި ގިނަ ދުވަސްތަކެއް ވަންދެން އިންޖީނުގެ ހިންގުމަށްފަހު ސްޓެލްކޯއިން ވަކިކޮށް އެސްޔޫއެލް އާއި ހަވާލު ކުރި ހިސާބުން އިންޖީނުގެއަށް މައްސަލަތައް ކުރިމަތިވާން ފެށިއެވެ.
ސަދަން ޔޫޓިލިޓީ ކުންފުނި (އެސްޔޫއެލް) އިން މަރުކަޒީ އިންޖީނުގެ ހިންގަން ފެށުމާއި ގުޅިގެން ސްޓެލްކޯއިން ލިބެމުންދިޔަ އެހިތެރިކަން ކެޑުނެވެ. އެއާއި އެކު ކުންފުންޏަށް ބޮޑެތި ބަދަލުތައް ގެނެސް އާ ގޮތަކަށް ކުންފުނީގެ ހިންގުން ބަދަލުކުރިއެވެ. އައްޑޫ އާއި ފުވައްމުލައް ހިމެނޭ ގޮތަށް ކުންފުނި ހަދައި ހިދްމަތް ދޭން ފެށުމާއި އެކު ކުންފުންޏަށް މާލީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިވިއެވެ.
ކުންފުނި "ސިޔާސީ" ވެ ކުންފުނީގެ އެތެރޭގައި މައްސަލަތައް އުފެދި އެމައްސަލަތައް އިންޖީނުތަކާއި ޕެނަލް ބޯޑުތަކަށް ކުރަންފެށިއެވެ. އަދި ވަޅުލާފައިވާ ކޭބަލްތަކާއި ޓްރާސްފޯމަރުތަކަށް ސިޔާސީ ކަންކަންވަދެ މުޅި ކަރަންޓް ވިއުގަ އަށް އަސަރުކުރަންފެށިއެވެ. އެމައްސަލަތައް ހައްލު ނުކުރެވި އިންޖީނުތައް މަރާމާތު ނުކުރެވި އުޅެނިކޮށް 2012 ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނެވެ.
އެހާ ހިސާބުން އަނެއްކާވެސް އިންޖީނުގެ އެހެން ގޮތަކަށް ބަދަލުވިއެވެ. މުޅި ރާއްޖެއަަށް ކަރަންޓް ދިނުމަށް މިހާރުގެ ރައީސް މުހައްމަދު ވަހީދު އެކުލަވާލި ފެނަކަ ކޯޕަރޭޝަނުގެ ދަށައް އިންޖީނުގެ ބަދަލުކުރިއެވެ.
އެސްޔޫއެލް އިން ހިންގި އިރު ކުންފުންޏަށް ލިބުނު ފައިސާއެއް ހުރީ އައްޑޫ ފުވައްމުލަކުގެ އިންޖީނުގޭގެ އެކައުންޓްތަކުގައެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަނަށް ބަދަލުވުމާއި އެކު ކުންފުންޏަށް ލިބެމުން ދިޔަ ފައިސާ މާލޭގެ ވަކި އެކައުންޓަކަށް ޖަމާކޮށް މުޅި ރާއްޖޭގެ އިންޖީނުގެތަކަށް މިފައިސާ ބައިއަޅަން ފެށުނެވެ.
މިއަދު ފެނަކަ ކޯޕަރޭޝަންގެ އަމާޒަކަށް ވެފައިއޮތީ އައްޑޫގެ މަރުކަޒީ އިންޖީނުގެ ދައްކައިގެން އެކުންފުނި ހިންގުމެވެ. ފެނަކަ ކޯޕަރޭޝަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އައްޑޫންނެވެ. އެކަން ކުންފުނީގެ ބޯޑުން ވަނީ ފާހަނގަކޮށްފައެވެ.
އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގައި އެކަށީގެންވާ ހަރުދަނާ މަސައްކަތެއް ފެނަކަ ކޯޕަރޭޝަނަށް ނުކުރެވޭކަން މިއަދު މިއޮތީ ފެންނާށެވެ. 10 ވަރަކަށް މަސްދުވަސް ކަރަންޓްގެ މައްސަލަ ހައްލު ނުވެ ދިއުމަކީ ކަންބޮޑުވާ މައްސަލައެކެވެ. އަމުދުން މިކަމުގައި ފެނަކަ ކޯޕަރޭޝަނުން ގެންގުޅޭ ދޯދިޔާ ސިޔާސަތުންވެސް މިދަނީ ފެންނަމުންނެވެ.
އައްޑޫގެ ރައްޔިތުންގެ އަގުބޮޑު ސާމާން ހަލާކުވަމުންދާއިރު އެކަމަށްވެސް ދެނީ ބީރުކަންފަތެވެ. ކަރަންޓް ކަނޑާލާ ވާހަކަ އަންގާކަށް އެކުންފުންޏަކުން ބޭނުމެއް ނޫނެވެ.
ކުރިންވެސް ފާހަނގަ ކުރި ގޮތަށް ރާއްޖޭގެ އެތައް އިންޖީނުގެއެއް ވަނީ އެކުންފުނިގެ ދަށުގައެވެ. އެތަން ތަން ހިންގުމަށް މިއަދު ފައިސާ ހޯދާ އެންމެ ބޮޑު ވަސީލަތަކީ އައްޑޫއެވެ. އައްޑޫ ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބައިގެން ކުންފުނި މިހިރަ ގެންދަނީ ކުރިއަށެވެ. މިކަމުގައި ހަށިފޮޅާލައި ވާހަކަ ދެއްކި މަޖިލިސް މެމްބަރަކު، ކަންބޮޑުވެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ކުންފުނީގެ ބޯޑު މެމްބަރަކު ގެންދެވުނު އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ނެތެވެ.
އަމުދުން މިކަމުގައި ކައުންސިލުން އެއްޗެކޭ ބުނި އަޑުވެސް ނީވެއެވެ. އައްޑޫ ރައްޔިތުން މިފަދަ ގޮތަކަށް އިރު އިރުކޮޅާ އަސާސީ ހިދްމަތުން މަހްރޫމްވެފައި ތިބޭ އިރު އެކަމަށް ހައްލެއް ހޯދާ ދެއްވާނެ މެނިފެސްޓޯއެއް ހުށަހެޅި ރިއާސީ ކެންޑިޑޭޓެއް ވެސް ނެތެވެ.
އެހެން ކަމުން މިކަމަކީ ހައްލެއް އޮތް ކަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.