ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މިހާރު ބޭނުންވަނީ ކުރިން އޭނާ ޕީޖީއާއި އެކު ވެފައިވާ އިއުތިރާފް އެއްބަސްވުމާއި އެކު ކުރިއަށް ދިއުމަށް ކަމަށް މިއަދު ބޭއްވި އަޑުއެހުމުގައި ބުނެފި އެވެ.
ޑްރައިވަރު ޤާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފަ އެވެ. މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި އަދުހަމްގެ ޤާނޫނީ ވަކީލް ވިދާޅުވީ އަދުހަމް މިހާރު ބޭނުންވަނީ ކުރިން ދައުލަތާއި އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމާއި އެކު ކުރިއަށް ދިއުމަށެވެ.
އެހެންނަމަވެސް ގާޒީ ވިދާޅުވީ އަދުހަމް މީގެ ކުރިން ކުށަށް އިއުތިރާފް ވުމަށްފަހު އެ އިއުތިރާފް އަބުރާ ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެވެން ނެތްކަމަށް ގާޒީ ވިދާޅުވި އެވެ. އެކަމާއި ގުޅޭގޮތުން ދައުލަތުން އެދިފައިވަނީ އެކަމުގައި ޝަރީއަތުން ގޮތެއް ނިންމައިދިނުމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އަދުހަމް މީގެ ކުރިންވި އިއުތިރާފް އަނބުރާ ގެންގޮސްފައި ވުމުން ކުރިން ހަދާފައިވާ އިއުތިރާފް އެއްބަސްވުން މިހާރު ނެތްކަމަށެވެ. އަދި މައްސަލަ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެ ފަރާތަށްވެސް ހެކި ހުށަހެޅުމުގެ ފުރުސަތު ގާޒީ ވަނީ ދެއްވާފަ އެވެ.
ހެކި ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުލަތުގެ ފަރާތުން އަދުހަމާއި ދެކޮޅަށް މައްސަލަ ސާބިތު ކުރުމަށް ހެކި ހުށަހެޅިއިރު، އަދުހަމްގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނެތެވެ. އަދި ޝަރިއަތުގެ ކުރިން ހުށަހަޅަންބޭނުންވާ ކަންކަން ފެބްރުއަރީ ހަތެއްގެ ކުރިން ހުށަހެޅުމަށް ގާޒީ ވިދާޅުވި އެވެ. އަދި ހުށަހެޅުންތަކަށް ރައްދެއް އޮތްނަމަ ފެބްރުއަރީ 18 ގެ ކުރިން ހުށަހެޅުމަށްވެސް ދެ ފަރާތަށް ފުރުސަތު ދެއްވާފައިވެ އެވެ.
ގާޒީ ވިދާޅުވީ ދެން މި މައްސަލައިގެ ޝަރީއަތތެއް ބާއްވާނީ ފެބްރުއަރީ 18 ވަނަ ދުވަހުގެ ފަހުން ކަމަށެވެ.