ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ބޭނުންވާ އުޅަނދުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެމްޓީސީސީއިން އިއުލާނު ކޮށްފި އެވެ.
އެމްޓީސީސީން އިއުލާނު ކޮށްފައިވަނީ 17 ހައިސްޕީޑް ފެރީ އުޅަނދު ހަދައިދިނުމަށެވެ. އެގޮތުން ކޮންމެ އުޅަނދެއްގައި 50 ފަސިންޖަރުންނާއި 4 ކްރޫއާއި، 2 ފުރޮޅުލީ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރއެއް ބެހެއްޓޭނެ ޖާގަ ހުންނަންވާނެ ކަމަށާއި، ކޮންމެ ފަސިންޖަރަކަށް 20ކިލޯގެ ލަގެޖު އުފުލޭނެ ޖާގަވެސް ހުންނަންވާނެ ކަމަށެވެ. މީގެ އިތުރުން ޖާގަ ތަނަވަސްވާނެގޮތަށް ގޮނޑިޖެހުމާއި ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ފެރީއަށް އެރޭގޮތަށް ހުންނަންޖެހޭނެކަމަށްވެސް އެމްޓީސީސީން ކޮށްފައިވާ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
އެ ކުންފުނިން ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ 11:00ގެ ކުރިން މިކަމަށް ޝައުގުވެރިވާކަމުގެ ލިޔުން އެމްޓީސީއަށް ހުށަހެޅުން އެދޭ ކަމަށެވެ.
ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި އެމްޓީސީސީއާއި އެކު ސޮއި ކޮށްފައިވާއިރު މިއަހަރުގެ ތެރޭގައި ފެރީގެ ހިދުމަތް ފަށަން ހަމަޖައްސާފައި ވަނީ އެންމެ އުތުރުގެ ތިން އަތޮޅުގަ އެވެ. އެގޮތުން ހއ. އާއި ހދ. އަދި ށ. އަތޮޅުގެ 41 ރަށެއްގައި އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފެރީގެ ހިދުމަތް ފެށިގެންދާނެ އެވެ.