Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ތިނަދޫއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ތިނަދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައެވެ.

ހޮސްޕިޓަލްގެ ސޯޝަލް މީޑިއާ އެކައުންޓުން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓީނުގައި ހުރި ފަރާތެއް ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ހެދިޓެސްޓު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމަޔަށް އަމަލުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުންވެސް ރޯގާގެ އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ހޮސްޕިޓަލުގެ ހޮޓްލައިން 7934641 އާއި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

ތިނަދޫން މީހަކު ޕޮޒިޓިވްވީ އިރު މިއަދު ހޯމް ކަރަންޓީނުގައި ހުރި ފުވައްމުލަކު މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.