ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ރަސްމީކޮށް ހުޅުވާ ދުވަހު އެ އިދާރާގެ ލައިބްރަރީއާއި ޑިޖިޓަލް އަރުޝީފު ރަސްމީކޮށް ހުޅުވުން އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.
ރައްޔިތުން މަޖިލީހުގެ ޓިކްޓޮކް އެކައުންޓް މެދުވެރިކޮށް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ކުރީގެ މަޖިލިސްތަކުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކާއި ގާނޫނުތަކާއި މަޖިލީސް ހިންގަމުން އައި ގޮތާ ގުޅޭ ގޮތުން ހުރި އެކި ދުވަސްވީ ލިޔުންތައް އެބަހުރި ކަމަށެވެ.
އަދި އެ ލިޔުންތައް ޑިޖިޓަލައިޒްކޮށް އެކުލަވާލާފައިވާ މަޖިލީހުގެ ޑިޖިޓަލް އަރުޝީފްއާއި އެ ލިޔުންތައް ޕްރިންޓްކޮށް އުފައްދާފައިވާ ފޮތްތައް ހިމެނޭ މަޖިލީހުގެ ލައިބްރަރީ ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގައި ހިމެނޭ މިފަދަ ލިޔުންތަކުގެ މައުލޫމާތު އެ އިދާރާގެ ވެބްސައިޓްގައި ވެސް ވަނީ ޝާއިއުކުރެވިފައެވެ. އޭގެ ތެރޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭ ލިޔެކިޔުންތަކާއި މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި ގަރާރުތަކާއި، މަޖިލީހުގެ ކޮމިޓީތަކުން ކަންކަން ދިރާސާކޮށް އެކުލަވާލައިފައިވާ ރިޕޯޓްތައް ފަދަ މުހިއްމު މައުލޫމާތުތައް ހިމެނެއެވެ.