Last Updated: April 21, 09:44
Monday, April 21, 2025
ޚަބަރު ޝަރުއީ ދާއިރާ

މިދިޔަ އަހަރު ފަނޑިޔާރުންނާ ގުޅޭ 288 ޝަކުވާ ހުށަހެޅި!

ފޮޓޯ: މިހާރު

ފަނޑިޔާރުންނާއި ގުޅޭ 288 ޝަކުވާއެއް މިދިޔަ އަހަރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަންގެ ނިމުނު އަހަރުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ޖޭއެސްސީއަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަ އޭގެ ކުރިން އަހަރަށްވުރެއް އިތުރުވެފައިވާއިރު، 2019 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ 114 ޝަކުވާއެކެވެ. އެހެންނަމަވެސް ނިމުނު 2020 ވަނަ އަހަރު ވަނީ 288 ޝަކުވާ އެއް ހުށަހަޅާފަ އެވެ. އޭގެތެރެއިން 77 އިންސައްތަ ޝަކުވާ ތަހުގީގު ކުރުމަށް ނުފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އަދި 11 އިންސައްތަ ޝަކުވާ ދިރާސާ ކުރުމަށް ނިންމާފައިވާއިރު 12 އިންސައްތަ ޝަކުވާ ވަނީ ތަހުގީގު ކުރުމަށް ނިންމާފައެވެ.

މިދިޔަ އަހަރު ފެށިއިރު އެ ކޮމިޝަނުން ނުނިމި ހުރީ 73 މައްސަލައެކެވެ. އަދި މިދިޔަ އަހަރު 41 މައްސަލައެއް ތަހުގީގު ކުރަން ފިށިއިރު، 54 މައްސަލައެއްގެ ތަހުގީގު ޖޭއެސްސީން ވަނީ މިދިޔަ އަހަރު ނިންމާފައެވެ. މިދިޔަ އަހަރު ޖޭއެސްސީން ނިންމި 54 މައްސަލައިގެ ތެރެއިން 26 އިންސައްތަ މައްސަލަ ސާބިތުވެފައެއް ނުވެއެވެ. އެހެން ނަމަވެސް 74 އިންސައްތަ މައްސަލަ ސާބިތުވެފައިވާއިރު، އޭގެތެއިން ނުވަ ފަނޑިޔާރަކު ވަކިކުރުމަށް ނިންމާ، ދެ ފަނޑިޔާރަކު ސަސްޕެންޑްކޮށް އަދި ހަތަރު ފަނޑިޔާރަކަށް ނަސޭހަތާއިއެކު ތަމްރީން ފުރިހަމަކުރުމަށް އަންގާފައިވެއެވެ.

ޖޭއެސްސީން ވަނީ 2019 ވަނަ އަހަރަށްވުރެއް 3.5 ގުނަ އިތުރަށް 2020 ވަނަ އަހަރު ޖަލްސާތައް ބާއްވާފައެވެ. އެގޮތުން ޖުމުލަ 95 ޖަލްސާއެއް ޖޭއެސްސީން މިދިޔަ އަހަރު ބާއްވާފައިވެއެވެ.

މި ނިމުނު 2020 ވަނަ އަހަރު ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން، ހައިކޯޓަށް ދެ ފަނޑިޔާރުން، ސުޕީރިއާކޯޓުތަކަށް ނުވަ ފަނޑިޔާރުން އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ނުވަ ފަނޑިޔާރުން އައްޔަނު ކޮށްފަ އެވެ. އަދި ހަތަރު ފަނޑިޔާރަކު މިދިޔަ އަހަރު ރިޓަޔާކޮށްފައި ވާއިރު، ނުވަ ފަނޑިޔާރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.