ތުނބުޅު ދިގުކޮށް ފަޓްލޫނުގެ ފައިކުރި ކުރުކުރުމުން، މޯލްޑިވްސް އިމިގްރޭޝަންގެ ޔުނީފޯމް މިންގަނޑާއި ހިލާފުވެފައިވާ ކަމަށްބުނެ ވަޒީފާއިން ވަކި ކުރި ހަތަރު މީހުނަށް ވަޒީފާ އަނބުރާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ޔުނިފޯމް މިންގަޑާއި އެއްގޮތަށް އަމަލުނުކުރާ ކަމަށްބުނެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސައީދު މުހައްމަދު، އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރު ހުސައިން މުހައްމަދު، އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އިސްހާގް އިބްރާހީމް އަދި އިމިގްރޭޝަން އޮފިސަރު ހުސައިން ޝިހާމް މަގާމުން ވަކިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
މި ހަތަރު މީހުން އިމިގްރޭޝަންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ތުނބުޅި ހުންނަންޖެހޭ ވަރަށް ދިގުކަމަށާއި، ފަޓްލޫން ފައިކުރި ހުންނަންޖެހޭ ވަރަށްވުރެއް ކުރު ކަމަށް ބުނެ، އެކަންކަން އިސްލާހު ކުރުމަށް ދިން މުއްދަތުގައި އިސްލާހު ނުކުރުމުން ނެވެ.
އެމީހުން ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ނަމަވެސް ޓްރައިބިއުނަލުނުް ނިންމައިފައިވަނީ އެމީހުން ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނާއި، ސިވިލް ސާާވިސްގެ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައެޅެން ނެތްކަމަށެވެ.
ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އިއްޔެ ހައިކޯޓުން ވަނީ މި މައްސަލައިގައި ހުކުމް ކޮށްފަ އެވެ. އެގޮތުން ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައި ވަނީ، އިމިގްރޭޝަނުގެ ޔުނިފޯމު މިންގަނޑަށް އަމަލުކުރުމަށް އަންގައި ހުރިހާ މުވައްޒަފުންނަށް އިމިގްރޭޝަނުގެ ކޮންޓްރޯލާސް ބިއުރޯއިން މެއި 2016 ގައި އޮފީސް މެމޯއެއް ފޮނުވާފައިވާކަން އެނގޭ ކަމަށާއި އެ މެމޯ ފޮނުވީ އިމިގްރޭޝަނުގެ މުވައްޒަފުންގެ ޔުނިފޯމު މިންގަޑާއި ހިލާފަށް، ބޮލާއި ތުނބުޅި އަދި ފަޓުލޫނު ފައިކުރި ހުންނަކަމަށް ފާހަގަކުރެވިގެންކަމަށް މެމޯގައި ބުނެފައިވާކަމަށެވެ. އަދި ފަހުން އެ މިންގަނޑަށް އަމަލުނުކުރާ މުވައްޒަފުންނަށް، ޔުނީފޯމު ރަނގަޅު ކުރުމަށް މުހުލަތެއް ދީ އިތުރު އެންގުމެއް ފޮނުވި ކަމަށާއި އޭގެ ތެރޭގައި މި މައްސަލަ އިސްތިއުނާފުކޮށްފައިވާ ހަތަރު މީހުން ވެސް ހިމެނެ އެވެ.
ހައިކޯޓުން ބުނެފައިވަނީ، އެ ލިޔުން ފޮނުވާފައިވަނީ ބޮލުގެ އިސްތަށިގަނޑު، ތުނބުޅި އާއި މަތިމަސް އަދި ފަޓްލޫނުގެ ފައިކުރި ޔުނިފޯމުގެ މިންގަނޑަށް ނުހުންނަ މުވައްޒަފުންނަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މިފަރާތްތައް އިސްލާހުކުރަންވީ ޔުނިފޯމު މިންގަނޑުގެ ކޮންކަމެއްކަން ސާފުކޮށް އެލިޔުމުން އެނގެން ނެތްކަމާއި އަދި އެލިޔުމަށް ބަލާއިރު އިސްލާހުވާން ދެވޭ އެފުރުސަތު ދެވުނު ތާރީހެއް ލިޔުމުގައި ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި އެ ފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ އަދުލުވެރި ސަބަބެއް އޮވެގެން ނިންމި ނިންމުމެއްކަމަށް އަދި މި މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން ސައްހަކަމަށް ބެލެވެން ނެތް ކަމަށެވެ.
އަދި މި ހަތަރު މީހުން ވަޒިފާއިން ވަކިކޮށްފައިވަނީ، ސިވިލް ސާވިސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ސިވިލް ސާވިސްގެ ގާނޫނާއި ސިވިލް ސާވިސްގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާއި އެއްގޮތަށް ފިޔަވަޅު އެޅުމަށްފަހުކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން، އެފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ކުރިން ގާއިމުކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކޮށްފައިވާ ކަމަށް ނުފެންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން އެފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ނިންމައި ލިޔުން ދޫކުރި ތާރީހުން ފެށިގެން މުސާރައާއި އިނާޔަތް ނަގައިދިއުމަށާއި އެފަރާތްތައް ވަޒީފާއިން ވަކިކުރިކަން އަންގައި ލިޔުން ދޫކުރި ތާރީހާ ހަމައަށް އެފަރާތްތައް ތިބި ވަޒީފާ ނުވަތަ އެވަޒީފާއާ އެއްފެންވަރުގެ އެހެން ވަޒީފާއަކަށް ރުޖޫއަކުރުމަށް ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ. އަދި އެފަރާތްތައް ވަޒީފާގައި ދެމިހުރިނަމަ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި، އެކެއް ސެޕްޓެންބަރު 2016 އިން ފެށިގެން އަލުން އަނބުރާ ވަޒީފާ ހަމަޖެހޭ ދުވަހަކާ ހަމައަށް، ލިބޭނެ މުސާރައާއި އިނާޔަތްތައް ދޭންޖެހޭކަމަށް ފެންނަ ކަމަށް ބަޔާންކޮށްފައިވެ އެވެ.