ޅ. ހިންނަވަރުގައި ސިއްހީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތާއި ގުޅިގެން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހެލްތް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޚިދުމަތެއް ހޯދުމުގެ ކުރިން ނުވަތަ އެއްޗެއް ގަތުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހުގެ ފާސްވެފައިވާ ބަޖެޓުގައި ހިމެނި، ޚަރަދުކުރެވޭވަރަށް ބާކީގައި ހުރިކަމަށް ބަޖެޓް ސެކްޝަނުގެ ކަމާބެހޭ ވެރިޔަކު ނުވަތަ ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ސޮއިކުރުމުން މެނުވީ އެއްވެސް އެއްޗެއް ގަތުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް އޯޑަރުކޮށްގެން ނުވާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2009) ގެ 8.04 ގައި ބަޔާންކޮށްފައިވާކަމަށެވެ ނަމަވެސް، ޅ.ހިންނަވަރުގައި ސިއްހީ މަރުކަޒެއް އިމާރާތް ކުރުމަށް މިނިސްޓްރީން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެކު 10,478,388 (ދިހަ މިލިއަން ހަތަރު ސަތޭކަ ހަތްދިހަ އަށް ހާސް ތިން ސަތޭކަ އަށްޑިހަ އަށެއް) ރުފިޔާއަށް 01 އޮކްޓޫބަރު 2016 ގައި އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، 2 ނޮވެންބަރު 2016 ގެ ނިޔަލަށް އަމަލީ މަސައްކަތް ފެށިފައި ނުވާ ޕްރޮޖެކްޓްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ފިނޭންސުން އެންގުމުން 11 ޖަނަވަރީ 2017 ގައި އެ އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި އެއްބަސްވުން ބާތިލްކޮށްފައިވަނީ ބަޖެޓްގެ ދަތިތަކެއް ހުރެގެންކަމަށް ބަޔާންކޮށްފައިވާއިރު، ބަޖެޓްގައި ފައިސާނެތި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އަދި 11 ޖަނަވަރީ 2017 ގައި، ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެކުވެފައިވާ އެއްބަސްވުން އުވާލުމަށްފަހު 12 ފެބްރުވަރީ 2017 ގައި ހަމައެ ޕްރޮޖެކްޓުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އާރު.ޑީ.ސީ) އާއި ޙަވާލުކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް އޮފީހުން ބުނެފައިވަނީ މި މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ރޫހާއި ހިލާފަށް ކަމަށެވެ. އެގޮތުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2009) ގެ 8.25 ގައި، މަސައްކަތުގެ އަގު (ތަކެތީގެ އަގާއިއެކު) 1,500,000 ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތްތައް ޙަވާލުކުރާނެ ފަރާތެއް ހޯދާނީ ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށައަޅައިގެން ކަމަށް ބަޔާންކޮށްފައިވާކަމަށާއި އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 11 ވަނަ އިސްލާޙް ގެނައުމުގެ ގަވާއިދުގެ 8.15 (ނ) ގައި، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމާއި ގުޅޭ ކޮމިޓީ ނުވަތަ ކައުންސިލުން ކަނޑައަޅާ ވަކި ޚާއްސަ މަޝްރޫއުތައް ބިޑްކުރުމަކާއި ނުލައި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާއި ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކަށް ހަވާލުކޮށްގެން ކުރިޔަށް ގެންދެވިދާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން ޅ.ހިންނަވަރުގައި ސިއްޙީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް 8,018,259 (އަށް މިލިއަން އަށާރަ ހާސް ދުއިސައްތަ ފަންސާސް ނުވައެއް) ރުފިޔާ އަށް، އެމްއާރްޑީސީއާ ހަވާލުކޮށް، ހެލްތް މިނިސްޓްރީން އެމްްއާރްޑީސީއަށް އެއްބަސްވުމުގެ ޖުމުލަ އަގުގެ 15 އިންސައްތަ އަށްވާ 1،202،739 (އެއް މިލިއަން ދުއިސައްތަ ދެ ހާސް ހަތް ސަތޭކަ ތިރީސް ނުވައެއް) ރުފިޔާ އެޑްވާންސްގެ ގޮތުގައި ދީފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެމް.އާރު.ޑީ.ސީން މި މަސައްކަތް ވިލުކޮޅު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް، ޖުމްލަ 7,000,000 (ހަތް މިލިއަން) ރުފިޔާއަށް، 18 މެއި 2017 ގައި ސަބްކޮންޓްރެކްޓް ކޮށް އެޑްވާންސް ފައިސާގެ ގޮތުގައި 1,050,000 (އެއް މިލިއަން ފަންސާސް ހާސް) ރުފިޔާ ދީފައިވާކަމަށެވެ.
އޮޑިޓް އޮފީހުން ބުނެފައިވަނީ މިމަސައްކަތް އެމްއާރްޑީސީއާއި ހަވާލުކުރުމުގެ ބޭނުމަކީ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ބޮޑުކުރުމުގެ މަރުހަލާ ކުރިއަށް ނުގެންގޮސް ވަކި ފަރާތަކަށް މަސައްކަތް ހަވާލުކުރުންކަމުގައި ބެލުމުގެ ފުރުސަތު އޮންނަކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ވިލުކޮޅު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެކު ވެފައިވާ އެއްބަސްވުމުގައިވާގޮތުން މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، އެ މުއްދަތު ފަހަނައަޅާ ދިޔަފަހުންވެސް މަސައްކަތް ނިމިފައިނުވާ ކަމަށެވެ. އަދި އަލުން ހަމަ އެކުންފުންޏަށް 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހެލްތް މިނިސްޓްރީން 17 އެޕްރިލް 2018 ގައި އަލުން ހަވާލުކޮށްފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ 2،885،386 ރުފިޔާ ހަރަދުކޮށްގެން މިމަސައްކަތް ކުރި ނަމަވެސް އެތަނުގައި ކޮށްފައިވާ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އޮކްޓޫބަރު 2019 ގައި އެތަނުގައި ހުރި ސްޓްރަކްޗާ 24،580 ރުފިޔާއަށް އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ރޫޅާލާފައިވާކަމަށެވެ.