Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު ކޮރޯނާ ވައިރަސް

އައްޑޫއަށް ކޮވިޑް ވެކްސިން ލިބިއްޖެ، މާދަމާ ވެކްސިން ޖަހަނީ

ކޮވިޑް ވެކްސިން މާދަން ރާއްޖޭގައި ދޭން ފެށުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ވެކްސިން މާދަމާ ދޭންފެށުމަށް ހަމަޖެހިފައިވަނީ މާލެސިޓީ، އައްޑޫސިޓީ އަދި ކުޅުދުއްފުށިސިޓީ ގައެވެ.

މީގެތެރެއިން އައްޑޫސިޓީއަށް ބޭނުންވާ ކޮވިޑް ވެކްސިން ގެނެސްފައިވާއިރު، އައްޑޫއިން ފުރަތަމަ ވެކްސިން ޖަހާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އައްޑޫސިޓީން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 20 ސިއްހީ ހިދުމަތްތެރިންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.

ރާއްޖެއަށް ވަނީ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.