Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

ވެކްސިން ފުރަތަމަ ދޭނީ ސިއްހީ ހިދްމަތްތެރީންނަށް: އޭއީއެޗް

އައްޑޫގައި މާދަމާ ކޮވިޑު ވެކްސިން ދޭން ފަށާއިރު ފުރަތަމަ ދޭނީ ސިއްހީ ހިދްމަތްތެރިންނަށް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ބުނެފިއެވެ.

އައްޑޫ އާއި، މާލޭގެ އިތުރުން ކުޅުދުއްފުށީގައި މާދަމާ ކޮވިޑު ވެކްސިން ދޭން ފަށާއިރު ހުރިހާ ތަނެއްގައި ވެސް ފުރަތަމަ ވެކްސިން ދޭން ނިންމާފައިވަނީ ސިއްހހީ ހިދްމަތްތެރިންނަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.

ރާއްޖެއަށް ވަނީ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.