Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު ކޮރޯނާ ވައިރަސް

ތިން ބާރުގެ ވެރިން ވެކްސިން ޖައްސަވައިފި

ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ތިން ބާރުގެ ވެރިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ގެނެސްފައިވާ ވެކްސިން ޖައްސަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައިސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ކޮވިޑް ވެކްސިން ޖައްސަވާފައިވަނީ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުންނެވެ.

ތިން ބާރުގެ ވެރިންގެ އިތުރުން ދައުލަތުގެ އެކި އިސްމަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން މިއަދި ކޮވިޮޑް ވެކްސިން ޖަހާފައިވެ އެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފެމިލީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ހިމެނި ވަޑައިގަންނަވައެވެ.

މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީގައި ވެސް މިއަދު ކޮވިޑް ވެކްސިންދޭން ފަށާނަ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.

ރާއްޖެއަށް ވަނީ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.