ކޮވިޑު-19 އާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ ތެރެއިން އޮކްސްފޯޑް-އެސްޓްރެޒެނިކާގެ "ކޮވިޑުޝީލްޑު" ވެކްސިނަކީ އިތުބާރު ކުރެވޭ ވެކްސިނެއް ކަމަށް އައްޑޫން ފުރަތަމަ ވެކްސިން ޖެހި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑިރެކްޓަރ އަދި ޔޫރޯސާޖަން ޑރ. އަބްދުﷲ އަދުސާރު ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖެ އަށް މިއަދު ފެށި ކޮވިޑު ވެކްސިން ޕްރޮގްރާމްްގައި އޭއީއެޗްގައި ވެކްސިން ޖެހުމަށް ފަހު ނޫސްވެރިންނާއި މުހާޠަބު ކުރައްވައި ޑރ. އަދުސާރު ވިދާޅުވީ އޮކްސްފޯރޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސްދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނަކީ އިތުބާރު ކުރެވޭ ވެކްސިނެއް ކަމަށެވެ. އަދި ފުރަތަމަ މީހެއްގެ ގޮތުގައި ވެކްސިން ޖަަހަން ލިބުން ފަހްރުވެރިވާ ކަމަށް ޑރ. އަދުސާރު ވިދާޅުވިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ޑރ. އަދުސާރުގެ ގަޔަށް ވެކްސިން ޖެހުމުގެ ކުރިން ވެކްސިނާއި ބެހޭ މައުލޫމާތު ހިއްސާ ކުރެވުނެވެ. އަދި ވެކްސިން ރެޖިސްޓްރޭޝަން ކާޑެއް ހަވާލު ކުރެވުނެވެ. ވެކްސިން ޖެހުމަށް ފަހު 15 މިނިޓު ވަންދެން މޮނިޓާ ކުރުމަށް ޑރ. އަދުސާރު އެތަނުގައި މަޑު ކުރެއްވިއެވެ.
ޑރ. އަދުސާރު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ޖެހުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މިއީ ރައްކާތެރިކަމެއް ކަމަށް ޑރ. އަދުސާރު ވިދާޅުވިއެވެ.
ޑރ. އަދުސާރުގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ކަށީގެ ހާއްސަ ޑރ. މުހައްމަދު މުންޝިދު އާއި އިތުރު ބައެއް ޑޮކްޓަރުން ވަނީ ވެކްސިން ޖައްސަވާފައެވެ. ޖުމްލަ 34 މީހެއްގެ ގަޔަށް މިއަދު އޭއީއެޗްއިން ވަނީ ވެކްސިން ޖަހާފައެެވެ.