ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަޓިކް ސިޔާސީ ވެއްޓެއްގެ ބޭނުމަކީ ރައްޔިތުންނަށް ކަންކަމުގައި މޮޅޫގޮތް ހޯދައިދިނުމެވެ. ސިޔާސީ ޕާޓިތަކުގެ ވާދަވެރިކަމުގައި ރައްޔިތު މީހާއަށް މޮޅުގޮތް ވުމެވެ. އެހެނަސް މިރާއްޖޭގައި ކަން ހިނގަނީ ދިމާއިދިކޮޅަށެވެ. ކޮންމެ ކަމެއްގައި ސިޔާސީ މީހާ އުޅެނީ ރައްޔިތުން ގުނބޯ ހައްދާލެވޭތޯ އެވެ. ދެއުޅިއެއްނުވާ ވާހަކަތައް ދައްކައިގެންނެވެ.
ކޮވިޑް-19 އަކީ މުޅީ މި ދުނިޔެއަށް ކުރިމަތިމަތިވި ބޮޑު ކާރިސާއެކެވެ. އެންމެން ގެތަކަށްވައްދާ ޤައުމުތައް ބަންދުކޮށް މާސްކް އެޅުވި ވަބާއެކެވެ. އަހަރުދުވަސް މިބަލިމަޑުކަމުގައި ކަޑަތުކުރުމަށްފަހު ރާއްޖޭގެ ރައްޔިތުންނަށްވެސް މިއަދު މިވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމުގެ ނޭވާއެއްލުމުގެ ފުރުސަތު ލިބިފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިނެއް ލިބި, އެ ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު މިވަނީ ފެށިފައެވެ. އަވައްޓެރި އިންޑިއާއިން ހަދިޔާކުރި ވެކްސިނާއި އެކު, ސަރުކާރުން ބެލީ އެ ވެކްސިން ދީގެން ރައްޔިތުން ބަލިން ރައްކާތެރިކުރެވޭތޯއެވެ. އެހެން ނަމަވެސް އިދިކޮޅުން ކުރަން ވެކްސިނާއި މެދު އުފައްދަން ފެށީ ސުވާލެވެ. ސުވާލު އުފައްދާ ހަމައެކަނި ސަބަބަކީ އެ ވެކްސިނަކީ "އިންޑިއާ"އިން ދިން ވެކްސިންއަކަށް ވާތީ އެވެ.
ރާއްޖެއަށް ގެނެސްފައިވަނީ އޮކްސްފޯރޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސްދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ވަނީ ރާއްޖޭގެ އިތުރުން ލަންކާ, ސައުދިއަރަބިއްޔާ އަދި ބްރެޒިލްފަދަ ގައުމުތަކަށް ފޮނުވާ ބޭނުންކުރަންވެސް ފަށާފައެވެ.
އެހެންނަމަވެސް, އިދިކޮޅުން ބޮޑާހޭކުމުގައި, ރައްޔިތުން ވާވެއްދުމުގައި ހިފަހައްޓާލަނީ އެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހުއްދަ ނުލިބޭ ވެކްސިނެއް ކަމަށް ބުނެއެވެ. ޑަބްލިއުއެޗްއޯއިން ހުއްދަ ނުލިބޭތީއޭ ބުނެ ވެކްސިނާއި މެދު ސުވާލު އުފައްދާ އިދިކޮޅުން ވާހަކަ ދައްކާއިރު, ޑަބްލިއުއެޗްއޯގެ އެންގުމާއި އެއްގޮތަށް ގައިދުރުކަން ބެހެއްޓުމުގެ ބަދަލުގައި އިދިކޮޅުން އުޅެނީ ސީދާ ހަރަކާތޭ ބުނެ މި ޕެންޑެމިކުގެ ތެރޭގައިވެސް މުޒާހަރާކުރާށެވެ.
ވެކްސިނާއި މެދު ސުވާލު އުފައްދައިގެން އިދިކޮޅުން މިނާޒުކު ވަގުތު ޖަހަން މިއުޅެނީ ކޮން ސިޔާސީ ސަކަރާތެއްބާވައެވެ? ޔަގީންވާ ކަމަކީ އިދިކޮޅުގެ ދެއުޅިއެއްނުވާ ވާހަކަތަކުން ގޮވެނީ ކޮސްކަމެވެ. ރައްޔިތަކަށް ހެވެއް އެދޭނަމަ, މިވަގުތަކީ ވެކްސިންޖެހުމަށް ބާރުއަޅާ, ސިއްހީ ހިދުމަތްތެރިންގެ ބަސް އެހުމަށް ރައްޔިތުންގެ ކިބައިން އެދެންވީ ވަގުތެވެ.