Last Updated: December 4, 20:51
Wednesday, December 4, 2024
ޚަބަރު

ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެކްސިން ދީފި

ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކޮވިޑް-19 ގެ ވެކްސިން މިއަދު ދީފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ވެކްސިން ޖެހި ފަރާތްތަކުގެ ތެރޭގައި އެމްއެންޑިއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ.އަލީ ޝާހިދު މުހައްމަދު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަދު ހެނދުނު ވަނީ ފަށާފައެވެ. އެގޮތުން މިއަދު ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވާފައެވެ.

ތިން ބާރުގެ ވެރިންގެ އިތުރުން ދައުލަތުގެ އެކި އިސްމަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން މިއަދި ކޮވިޮޑް ވެކްސިން ޖަހާފައިވެ އެވެ.

މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީގައި ވެސް މިއަދު ކޮވިޑް ވެކްސިންދޭން ވަނީ ފަށާފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.

ރާއްޖެއަށް ވަނީ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.