މިޔަންމާގައި މިއަދު އެގައުމުގެ އަސްކަރިއްޔާއިން ގެނައި މިލިޓަރީ އިންގިލާބާއި، ފެބްރުއަރީ 7ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި އެއްވަރު ކުރުމަކީ ދިވެހި ސިފައިންނަށް ގޯނާ ކުރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން މިއަދު ވަނީ އެގައުމުގެ ލީޑަރު އަން ސަން ސޫކީ އާއި ސޫކީ ނިސްބަތްވެ ވަޑައިގަންނަވާ ނޭޝަނަލް ލީގް ފޯ ޑިމޮކްރެސީގެ އިސް ވެރިންތަކެއް ހައްޔަރުކޮށްފައެވެ.
މިޔަންމާގެ އިސްވެރިންތަކެއް ހައްޔަރުކުރުމަށްފަހު އެގައުމުގެ އަސްކަރިއްޔާ އިން މިހާރު އަންނަނީ އެގައުމުގެ މަގުތަކުގައި ފޯރިމަރަމުންނެވެ. އަދި ފޯނާއި އިންޓަނެޓްގެ ހިދުމަތް ވެސް މިވަގުތު ވަނީ ކަނޑާލާފައެވެ.
މި ހާދިސާ އާއި ގުޅިގެން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މިޔަންމާގައި ހިނގާދިޔަ ހާދިސާ އާއި 2012 ފެބްރުއަރީ 7 ވަނަ ދުވަހު ހިނގި ހާދިސާ އާއި ވަރަށް އެއްގޮތްކަމަށެވެ. އަދި ރާއްޖެ އާއި މިޔަންމާ އަދި ވޮޝިންގޓަންގައި ވެސް މިފަދައިން ބަޤާވާތް ކުރާ މީހުން އެބަތިބި ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް މިނިވަން މުވައްސަސާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު އޭރުގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ، ފުލުހުންނާއި ސިފައިން އެމަނިކުފާނާއި ދެކޮޅަށް ނިކުމެ އިސްތިއުފާ ދިނުމަށް މަޖްބޫރު ކުރުމުންނެވެ. އޭރު އެމަނިކުފާންގެ ނައިބަކަށް ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ޑރ. ވަހީދު ވަނީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ ކަމުގެ ހުވާ ކުރައްވައި، ދިވެހި ވެރިކަމާއި ހަވާލުވެވަޑައިގެންފައެެވެ.
މިޔަމްމާ ހާދިސާއަށް އަލިއަޅުއްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓާއި ގުޅިގެން އެއަށް ރައްދު ދެއްވައި ޑރ. ވަީދު ވިދާޅުވީ އެދުވަުގެ ހާދިސާ އާއި މިއަދު މިޔަންމާގައި ހިނގި ހާދިސާ އަޅުވާ ނުކިޔޭނެ ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ "މިޔަންމާގެ މިލިޓަރީ އިންގިލާބާ ފެބުރުއަރީ 7 ގެ ރިޔާސީ އިސްތިއުފާއާ އެއްވަރު ކުރުމަކީ ދިވެހި ލޮބުވެތި ސިފައިންނަށް ގޯނާ ކުރުން" ކަމަށެވެ.