ފާއިތުވި 24 ގަޑިއިރު ތެރޭ މާލެއިން 159 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެ މާލެ ސަރަހައްދުގައި ކޮވިޑު-19ގެ ނުރައްކާ ބޮޑުވެއްޖެއެވެ.
ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މުޅި ރާއްޖެއިން 215 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިންް 159 މީހުންނަކީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ.
އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުން ގިނަ ބަޔަކު ކޮވިޑު-19 އަށް ޕޮޒިޓިވްވާތީ އޭގެ ސަބަބުން ސިއްހީ ހިދްމަތް ފޯރުކޮށްދޭ ތަންތަނަށް ނުކަތާ ހިނގައިދާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،056 އަށް އަރާފައެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 14،190 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލިން ރަނގަޅު ނުވެ ފަރުވާ ދެމުން އަންނަނީ 1807 މީހުންނަށެވެ. އޭގެތެރެއިން 184 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި 52 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ބަލިން ރައްކާތެރިވުމަށް މިއަދު ރާއްޖޭގައި ވަނީ ކޮވިޑް ވެކްސިން ޖަހަން ފަށާފައެވެ. އެގޮތުން މި ވެކްސިން ކުރިއަށް އޮތް ހަ މަސް ދުވަހުގެރޭގައި ހުރިހާ ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މާލެ ސަރަހައްދުން ކޮވިޑްގެ ކޭސްތައް ފެންނަ ނިސްބަތް އިތުރުވަމުންދާތީ އެޗްޕީއޭ އިން މިހާރު ވަނީ ރޭގަނޑު 12:00 އިން ފަތިހު 4:00 އާއި ހަމައަށް ކާފިއު ހިންގުމަށް ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.