ކޮވިޑް-19 އިން ރައްކާތެރިވުމަށް ގެނެސްފައިވާ ވެކްސިންގެ ކަންކަން ޑޮކްޓަރުން އޮޅުވާލާނެ ކަމަށް ޤަބޫލުނުކުރާނެ ކަމަށް ކުރީގެ ބަންޑާރަނައިބު އައިޝަތް އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ގެނެސްފައިވާ ވެކްސިން ޖެހުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، އިއްޔެ ވަނީ ސަރުކާރުގެ އިސްފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެކި ދާއިރާތަކުގެ ފަރާތްތަކުން ވެކްސިން ޖަހާފައެވެ. އެހެންނަމަވެސް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކުން ސޯޝަލްމީޑިއާގައި އަންނަނީ ވެކްސިނާއި ގުޅުވާ ސުވާލު އުފައްދާ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.
އެވާހަކަތަކާއި ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާ އެ ސަރުކާރު ދިފާއުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އާޒިމާ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ސިއްހީ މާހިރުންނަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި ރައްޔިތުންނަށް އާދައިގެ ވެކްސިނެއް ދީފައި، ޑޮކްޓަރުން މޮޅު ވެކްސިނެއް ނަންގަވާފާނެކަމަށް ކުޑަކޮށްވެސް ގަބޫލުނުކުރައްވާކަމަށެވެ.
އާޒިމާ ވިދާޅުވީ އެންމެންގެ ރައްކާތެރިކަމަށް އަބަދުވެސް މަސައްކަތްކުރައްވާ ސިއްހީ ހިދުމަތްތެރިން އެފަދަ އަމަލެއް ހިންގަވާފާނެކަމަށް ގަބޫލުނުކުރައްވާނެކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ހިދުމަތްތެރިންނަށް އިތުބާރު އޮތްކަމަށާއި، އެބޭފުޅުން ކުރައްވާ މަސައްކަތްޕުޅަށް ސެލިއުޓްކުރައްވާކަމަށެވެ.
ރާއްޖެއަށް ގެނެސްފައިވަނީ އޮކްސްފޯރޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސްދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެ ގެނެސްފައިވާއިރު، އިތުރު ވެކްސިން އަންނަ މަހު ގެނެވޭނެ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ކޮވިޑް19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.