އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑުގެ އިފްތިތާހީ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލުން ވަނީ ބައިވެރިވެފައެވެ.
މިއަދު ހެނދުނު ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އައްޑޫސިޓީ މޭޔަރު އަބްދުﷲ ސާދިގު ވަނީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާފައެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ކައުންސިލަރުން މޭޔަރގެ އަރިހުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑު ޗެއާޕާސަންގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އަހުމަދު ޒާހިރު އެވެ.
ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަސް ނުވަތަ ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނަވާ ފަރާތެއްގެ ގޮތިގައި ހަމަޖައްސާފައިވަނީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު ސާލިހެވެ. އަދި ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއްގެ ގޮތުން ޑރ. އަލީ ނާޒިމް ބޯޑްގައި ހިމެނިވަޑައިގަންނަވާއިރު ހެލްތް މިނިސްޓްރީގެ ފަރާތުން އާމިނަތު ޝާއިނާ އަބްދުﷲ ބޯޑުގައި ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ސަރަހައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ ފަރާތުން އާމިނަތު މުހައްމަދުދީދީ ބޯޑުގައި ހިމެނިވަޑައިގަންނަވާއިރު އާންމުންގެ ތެރެއިން އައްޔަނުކުރެވޭ މެމްބަރެއްގެ ގޮތުގައި ޒާހިދާ އިބްރާހިމް ވަނީ ބޯޑަށް އައްޔަނު ކޮށްފައެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން އަބްދުﷲ ސާދިޤު އައްޔަނުކޮށްފައިވެ އެވެ.