ޒަރޫރީ ބޭނުމަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓު އޮންނަ ފަރާތްތަކަށް އެކަނި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ރާއްޖޭގައި ކޮވިޑު ފެތުރުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ އުސޫލުތައް ވަރުގަދަކޮށް ހަރުކަށިކޮށްފައެވެ.
އެގޮތުން މިއަދުން ފެށިގެން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށް ދަތުރު ކުރާ ފަރާތްތަކުން ދަތުރު ކުރުމުގެ 72 ގަޑި އިރު ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުން ވަނީ މަޖްބޫރުކޮށްފައެވެ.
އެޗްޕީއޭއިން އިއްޔެ ހަވީރު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕަބްލިކް ހެލްތު ސްޕެޝަލިސްޓު ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖެ މިހާރު އޮތީ ހައި ރިސްކު ކެޓަގަރީގައި ކަމަށެވެ.
އެޗްއީއޯސީން ހެދި ދިރާސާ އަކުން ދައްކާގޮތުން މިހާރު ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓް އުޅޭކަން ވަނީ ފާހަގަކުރެވިފައިއެވެ. އެގޮތުން މިހާރު ބައްޔަށް ޕޮޒިޓިވްވާ 30 ޕަސެންޓު މީހުން ޕޮޒިޓިވް ވަނީ އާ ވޭރިއަންޓުގެ ސަބަބުން ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.
އަދި އާ ވޭރިއަންޓާއެކު ބަލި ފެތުރުން އަވަސް ވާނެ ކަމަށާއި އެގޮތުން ކުރިން ބަލި ޖެހިފައި ހުރި މީހެއްގެ ގައިން ބަލި ޖައްސަނީ ދެ މީހުންނަށް ކަމަށްވީ ނަމަވެސް އާ ވޭރިއަންޓާއެކު އެކެއްގެ ގައިން ފަސް މީހަކަށް ބަލި ޖައްސާ ކަމަށްވެސް ޝީނާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ވަނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފެށިގެން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ.