އައްޑޫގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އެލްޑާލީ ވިލެޖެއް ގާއިމް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްްމަދު ސޯލިހު މިފަދައިން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ގެތަކާއި އެކު ހަދާ އެލްޑާލީ ވިލެޖު ހެދުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ފޭދޫގައެވެ. ފޭދޫގައި މި ވިލެޖު ހެދުމަށް ނިންމާފައިވަނީ ފޭދޫ ހިއްކި ބިމުގައެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައިސް ސޯލިހު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އެއް ފުރާޅެއްގެ ދަށުން ހިދްމަތް ދިނުމަށް ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރެއްގެ މަސައްކަތް ވެސް މިއަހަރު ތެރޭ ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.