Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ވީޑިއޯގެ އެހީގައި ރާއްޖެ ޓީވީ ރޯކޮށްލި މީހުން ހޯދަނީ

ރާއްޖެ ޓީވީ ހިމެނޭ އިމާރާތުގެ ތެރެއަށް ރޭ ދަންވަރުގެ ވަގުތެއްގައި ގަދަކަމުން ބަޔަކު ވަދެގަނެ އެތަނުގައި އަލިފާން ރޯކުރާ މަންޒަރު ފެންނަ ވީޑިއޯގެ އެހީގައި އެކަން ކުރި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މައްސަލަ އާ ގުޅޭ ގޮތުން ރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ވިދާޅުވީ މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށެވެ.

އަދި އެ މީހުން އައިޑެންޓިފައި ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ނަވާޒު ވިދާޅުވީ މި ހަމަލާގެ ފަހަތުގައި އިތުރު ބަޔަކު ޝާމިލު ވާނެ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ބަޔަކު ވެސް ހޯދުމަށް ފުލުހުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ހުށަހެޅިފައި ވަނީ އިއްޔެ ރޭ ގާތްގަނޑަކަށް 04:45 ހާއިރު ކަމަށާއި މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު އެތަނުގެ ސެކިއުރިޓީ ގާޑަށް ހަމަލާ ދީފައިވާތީ އޭނާ ފުލުހުންގެ އެހީތެރިކަމާ އެކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ މިބާވަތުގެ ހަމަލާތައް ފުލުހުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިމައްސަލަ ތަހްޤީޤްކޮށް މިކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެއުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ފުލުހުން ކުރަމުން ދާނެ ކަމަށެވެ.

ހަމައެއާ އެކު މިދަނޑިވަޅުގައި ރައްޔިތުން ކެތްތެރިކަމާ އެކު ތިއްބެވުމަށާއި، މިކަމާގުޅޭ ގޮތުން އެނގި ހުރި ހުރިހާ މަޢުލޫމާތުތައް ފުލުހުންގެ ތަޙްޤީޤަށް ފޯރުކޮށްދީ ފުލުހުންގެ ތަޙްޤީޤަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވުމަށް ހުރިހާ ފަރާތްތަކަށް ނަވާޒު ގޮވާލެއްވި އެވެ.