Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ފިޔަވަޅުތައް ތަންފީޒު ކުރުމަށް ގިނަ ފުލުހުން ތަކެއް މާލޭގެ މަގުތަކަށް!

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އިތުރު ފުލުހުން މާލޭގެ މަގުތަކަށް ނެރެފިއެވެ.

ފުލުހުން ބުނީ ކޮވިޑު-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތަށް ފުލުހުންގެ އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ފުލުހުންގެ އިދާރީ ބަހާތަކާއި ސީނިއާ އޮފިސަރުން ވެސް ހިމެނޭ ގޮތަށް މަގުމަތީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެގޮތުން ދެ ޝިފްޓަކަށް ބަހާލައިގެން އިތުރު 209 ފުލުހަކު މިހާރު މަގުތަކަށް ނެރެފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑު ފެތުރުން އިތުރުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ފަތިު 4:30 އަށް ވަނީ ކާފިއު އިއްލާންކޮށްފައެވެ.

އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މާސްކު އެޅުން ވަނީ މަޖްބޫރުކޮށްފައެވެ. މި އުސޫލުތަކާއި ހިލާފުވާ ފަރާތްތައް އިސްތިސްނާއެއް ނެތި ޖުރިމަނާ ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.